މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އުމުރު ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި ހަސަން އާމިރު ބ. މާޅޮސް ފިނިފެންމާގެ، އަށް ހުކުމްކުރީ، އޭނާ ދުއްވާ "ހުވަން" ލޯންޗުން މައްސުވާތަކެތި ގެންދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭ އެއްނަމްބަރު ފާލަން ކައިރިން އޭނާ އަތުލައިގަނެ އޭނާގެ ފަޓްލޫނު ޖީބުންނާއި އެ ލޯންޗުން މަސްތުވާކެތި ހޯދި މައްސަލައިގައެވެ.
އެ ދައުވާއަށް އިންކާރު ކުރަމުން ކޯޓުގައި އޭނާ ބުނެފައިވަނީ، އޭނާގެ ޖީބަށް އެތަކެތިލީ ސައިކަލުގައި ދިޔަ ދެމީހަކު ކަމަށާއި، އެ ތަކެތި އޭނާގެ ޖީބަށް ލީކަން އެނގުނީވެސް ފުލުހުން އެތަކެތި ނެގުމުން ކަމަށެވެ.
އޭނާގެ މައްޗަށް ކުރީ، ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތު ވުމުން ކުށުގެ އުގޫބާތެއްގެ ގޮތުން އުމުރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިަނާކުރުމަށް ހުކުމްކޮށް މިފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު