އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުވުމުން، ފެނަކައިގެ އަސްލު ސައިޒަށް (ރައިޓްސައިޒް) އަށް ގެންދާނެ ކަމަށް އެސްޓީއޯ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިމާދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހިންގަން ކެބިނެޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ފާސްކޮށްފަ އެވެ.
އެސްޓީއޯގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސިމާދު ވިދާޅުވީ، ފެނަކަ އެސްޓީއޯއިން ގަންނަނީ، އެސެޓެއްގެ ގޮތުގައި ބަލައިގެން ކަމަށާއި އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފެނަކަ އެސްޓީއޯގެ ދަށަށް އެއްކޮށް ބަދަލުކުރެވޭނެ ކަމަށެވެ.
ސިމާދު ވިދާޅުވީ ފެނަކައިގެ ހިންގުން ރަނގަޅުކުރަން ގިނަ ކަންތައްތަކެއް ކުރައްވާނެ ކަމަށާއި އެގޮތުން ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އަދި މުވައްޒަފުންގެ އަދަދު ރައިޓްސައިޒް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފެނަކައިގައި 7100 މުވައްޒަފުން މިހާރުވެސް އެބަތިއްބެވެ.
"ރައިޓް ސައިޒު ބަލަން ޖެހޭ. މިހާރު ފެނަކައިގަ 7،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިބި. އެއްފަހަރާ ގޮސް މުވައްޒަފުން ކަނޑާލާ ވާހަކައެއް ނޫން. ދެން އަޅުގަނޑުމެން ބަލާނަން މުވައްޒަފުންނަށް ރަނގަޅު އެހެން ގޮތްތައް ވޭތޯ،" ސިމާދު ވިދާޅުވިއެވެ.
ސިމާދު ވިދާޅުވީ އެސްޓީއޯއަކީ މިހާރުވެސް ގިނަ އަދަދެއްގެ ސަބްސިޑަރީ ކުންފުނިތައް ހިންގާ ކުންފުންޏަކަށް ވާއިރު، އެ ތަޖުރިބާގެ ބޭނުންކޮށްގެން ފެނަކައަށް ވެސް ފައިދާތަކެއް ހޯދޭނެ ކަމަށެވެ.
"ދަރަނި އިތުރުވީ ވަކި ހިސާބަކުން އައިސް ފެނަކައިން އެސްޓީއޯއަށް ޕޭމެންޓް ދިނުން ހުއްޓާލުމުން. އެކަމަކު އާ މެނޭޖްމެންޓުން އެކޮޅަށް ދެއްކޭ ވަރަކަށް ވަކި ޕްލޭނެއްގެ ދަށުން ޕޭމެންޓްތައް ލިބޭ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރެވިގެން އެފިޝެންސީ އާއި ކުޑަކުރެވޭ ކޮސްޓުން އަޅުގަނޑުމެންނަށް ދަރަނީގެ ބޮޑު ބައި ދިގު ރާސްތާއެއްގައި ރިކަވާ ކުރެވޭނެ ކަމަށް،" ޝިމާދު ވިދާޅުވިއެވެ.
ފެނަކައިން އެންމެ ބޮޑު ދަރަންޏެއް ދައްކަން އޮތީ އެސްޓީއޯއަށެވެ. އެ ދަރަންޏާއެކު އެ ކުންފުނީގެ ދަރަނި ވަނީ 4.1 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު