ކުރީގެ ރައީސް އަބްދުﷲ ޔާމީންއަކީ ރާއްޖެއަށް އެންމެ ބޮޑަށް ހިޔާނަތްތެރިވި ބޭފުޅާ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހަކީ، ޔާމީންއާއެކު ވަރަށް ކައިރިން މަސައްކަތް ކުރެއްވި އެ މަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެކެވެ. އެއިރު ފަލާހުއަކީ އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރެވެ. ނަމަވެސް 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ފަލާހަށް ގޮޑި ކާމިޔާބު ކުރެވިފައިނުވެ އެވެ. މަޖިލިސް އިންތިހާބަށްފަހު ފަލާހު ވަނީ ޕީޕީއެމް ވަރަށް ބޮޑަށް ދުރަށްޖެހިވަޑައިގެންފަ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގެ ޔާމީން ޖަލަށްލުމަށް ހުކުމްކުރުން، އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާތަކުން ވެސް ފަލާހު ފެނިފައިވަނީ މަދު ފަހަރެއްގަ އެވެ.

ޕީއެންސީން މިރޭ އެ ޕާޓިގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ޔާމީން ވަނީ އެ މަނިކުފާނުގެ އެކައުންޓަށް އެކި ފަހަރުމަތިން ފައިސާ ޖަމާވި ކަމަށް އިއުތިރާފުވެފައި ކަމަށެވެ. ނަމަވެސް އެއްވެސް މީހެއް ޝަރީއަތުގައި އެފަދަ އިއުތިރާފެއް ނުވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. ޔާމީން އެ މަނިކުފާނުގެ ސަރުކާރުގައި ކުރެއްވި ކަންކަމާއި ހޯއްދެވި މަންފާތަކުގެ މައްސަލަތައް ކޯޓުތަކުގައި ދަނީ ހިނގަމުން ކަމަށް ފަލާހު ވިދާޅުވި އެވެ. އެއީ މި ސަރުކާރުން ކުރި ކަމެއް ނޫން ކަމަށް ފަލާހު ވިދާޅުވި އެވެ.

"އެމްޑީޕީން ބަލަން ފެށީ. ބެލިއިރުގަ އެކަންކަން ސާބިތު ވެސް އެބަވޭ. ދިވެހި ރައްޔިތުންނަށް އެ މަނިކުފާނުގެ އަމިއްލަ ދޫފުޅުން އެ މަނިކުފާނުގެ އަމިއްލަ އެކައުންޓުތަކުގަހުރި ޑޮލަރާއި ފައިސާގެ ވާހަކަ ވިދާޅުވީ. ދެން އަޅުގަނޑު ވެސް އަޅުގަނޑު އެހެން ފޮރުވާފަ ހުންނަ އެއްޗެއް ޝަރީއަތުގެ މަޖިލީހުގަ ނުބުނާނެ ދެއްތޯ އެއީ ވަގަށް ނަގާފަ ހުރި އެއްޗެކޭ. އެއީ މޮޔައަކު ނޫނިއްޔާ އެހެން ނުބުނާނެ ނުންތޯ. ބޯ ދަމައިގަންނަން ކޮންމެވެސް ގޮތަކުން ބުނާނީ އެއީ ކޮންމެވެސް ގޮތަކުން ރަށެއް، ކޮންމެ ވެސް ގަރާޖެއް ކޮންމެވެސް އެއްޗެއް ނޫނިއްޔާމުން ކޮންމެ ވެސް ރޯނު ވަށައިގެން ލިބިފަހުރި އެއްޗެކޭ. އެކަހަލަ ގޮތަކަށް ބަސްމަގު އަންނާނީ"

"ރައީސް ޔާމީން އެ ދައްކަވާ ވާހަކަ ރައްޔިތުންނެއް ގަބޫލެއް ނުކުރާނެ. ރައީސް ޔާމީނަކީ ހަގީގަތުގަ، ހަގީގަތުގަ ވެސް ރައީސް ޔާމީނަކީ މި ގައުމުގަ ވެރިކަންކުރި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ހިޔާނަތް މި ގައުމަށްވި ވެރިމީހާ. އެންމެ ބޮޑު ވެރިކަން، އެންމެ ބޮޑު ހިޔާނަތް" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ޔާމީންގެ ނަންފުޅުގެ ކުރިއަށް ރައީސް ލައިފައި ވާހަކަދައްކަން އޭނާއަށް އުދަގޫނޫން ކަމަށެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގެ ކުރިއަށް ރައީސް ގެންނަވައި ވާހަކަދައްކަވަން ޔާމީނަށް އުދަގޫފުޅުވާ ކަމަށް ފަލާހު ވިދާޅުވި އެވެ. ޔާމީން އެގޮތަށް ކަންތައް ކުރާނީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވާތީ ހަސަދަވެރިވެގެން ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި އެއީ ޔާމީންގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ކަމަށް ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ޔާމީން ވަނީ އެ މަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލައިފައި ކަމަށް ފަލާހު ވިދާޅުވި އެވެ. އެއިރު އެކަން އެގޮތަށް ނުކުރުމަށް ޔާމީން ދެންނެވުމުން ވެސް ގޮތް ދޫނުކުރެއްވި ކަމަށާއި ނަތީޖާއަކަށްވީ ސުޕްރީމް ކޯޓުގެ މަޝްހޫރު އެކެއް ފެބްރުއަރީގެ ހުކުމް ކަމަށް ފަލާހު ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ މަޖިލިސް މެންބަރުން ބާ ހެދުމެއް ލައިގެން މުލިއާގޭގެ ވަޅުދިޔަ ހިއްކަން ދާން ޖެހުނު ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. އަދި ޕެނަޑޯލް ބަންދުކުރުމާއި އައްޑޫ ބޮޑި ހެދުމާއި އެނޫން ވެސް އެކަހަލަ ގިނަ ކަންތައްތަކެއް ކޮށްފައިވާނެ ކަަމަށް ފަލާހު ވިދާޅުވި އެވެ.