ނިމދިޔަ އެމްޑީޕީގެ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލު ދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ބަދަލުތައް ދިން މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބެއްވި ކެބިނެޓް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އުޝާމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަ ހައްލުކުރުމުގެ ގޮތުން ސެޓްލްމެންޓް ކޮމިޓީއެއް އުފައްދާފައި ކަމަށެވެ. އެ ސެޓްލްމެންޓް ކޮމިޓީން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަރަށް ގިނަ ފަރާތްތަކަށް ފައިސާއާއި ފަޅުރަށްތަކާއި ފަޅުތައް ދިނުމަށް ނިންމާފައި ކަމަށް އުޝާމް ވިދާޅުވިއެވެ.
"މިހާތަނަށް ބެލުނު ބެލުންތަކަށް ބަލާއިރު އަޅުގަނޑަށް ގަބޫލުކުރެވެނީ މީގެ ތެރެއިން ގިނަ މައްސަލަތަކުގައި ބަދަލު ދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށް. އެގޮތަށް ދީފައި ހުރި ބަދަލުތައް ކެންސަލް ކުރާނަން. ޝަރީއަތަށް ހުށަހަޅަން ޖެހޭ މައްސަލައެއް ނަމަ ޝަރީއަތަށް ހުށަހަޅައިގެން ވެސް ގާނޫނާ ގަވާއިދާ ހިލާފަށް ދައުލަތުގެ މުދާތައް އެއްވެސް ފަރާތަކަށް ދީފައި ހުރި ނަމަ އެ އެއްބަސްވުންތައް އަޅުގަނޑުމެން ބާތިލުުކުރާނަން،" އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މި ސަރުކާރުން ވަނީ ރައީސް ސޯލިހު އުފެއްދެވި އެ ސެޓްލްމެންޓް ކޮމިޓީ އުވާލާފައި ކަމަށެވެ. އެ ކޮމިޓީ އުވާލުމަށްފަހު އެޓާނީ ޖެނެރަލްގެ އޮފީހުން ދަނީ ކަން ހިނގި ގޮތް ބަލަމުން ކަމަށް އުޝާމް ވިދާޅުވިއެވެ.
މިހާތަނަށް ބެލިބެލުމުން "ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީފައި ހުރި އެސެޓްތަކަށް ބަލާއިރު އަޅުގަނޑަށް ގަބޫލުކުރެވެނީ ބިލިއަނެއްހާ ރުފިޔާ ހުރި ކަމަށް، އެވަރަށް ދަންނަވާލަން ކެރިދާނެ،" އުޝާމް ވިދާޅުވިއެވެ. ސެޓްލްމެންޓް ކޮމިޓީގެ ކަންކަން ބެލުމަށް، އެޓާނީ ޖެނެރަލް އޮފީހުން ކުރަމުންދާ މަސައްކަތް މިހާރު ނިމެން ކައިރިވެފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. ޝަރީއަތަށް މައްސަލައެއް ހުށަހަޅާނީ އެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީއަތަށް ނުގޮސް ބާތިލުކުރެވެން ހުރި އެއްބަސްވުންތައް ބާތިލު ވެސް ކުރާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީ އުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ގައެވެ. އެއިރު އެ ކޮމިޓީން ވަނީ 10 އެއްބަސްވުމަކަށް 225 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ނިންމައިފައެވެ. ނަމަވެސް އެޓާނީ ޖެނެރަލް އޮފީހުން ވަނީ އެ ނިންމުމަށް އަމަލުކުރުން ހުއްޓުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު