މި ހިނގާ ޓްރާންސްފާ ސީޒަނުގައި ސައުދީ އަރަބިއާގެ ކްލަބަކުން ބޮޑު ހުށަހެޅުމެއް އައި ނަމަވެސް، އެ ހުށަހެޅުމެއް ނޫނެކޭ ބުނީ ލިވަޕޫލްގައި ހިތްހަމަ ޖެހިގެން ހުރުމުން ކަމަށް ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ބުނެފިއެވެ.
ބްރެޒިލްގެ އެއް ނަމްބަރު ގޯލްކީޕަރު އެލިސަން، 31، ލިވަޕޫލާ ގުޅިގައި ވަނީ 2018 ވަނަ އަހަރު ރޯމާއިންނެވެ. އެއީ 66.8 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެއީ އޭރު ގޯލްކީޕަރަކަށް ރެކޯޑު އަގެކެވެ. އެއަގާ އެއްވަރަށް އެލިސަން ވަނީ ތަފާތުވެސް ދައްކައިފައެވެ. ލިވަޕޫލާ އެކު އޭނާ ވަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގެ އިތުރުން ކްލަބު ވޯލްޑް ކަޕާއި ލީގު ކަޕްވެސް ހޯދައިފައެވެ. އެލިސަން ވަނީ ލިވަޕޫލަށް މިހާތަނަށް 261 މެޗު ކުޅެފައެވެ.
"އަހަރެން ބޭނުންވަނީ މި ކްލަބާ އެކު އަހަރެންވެފައިވާ އެއްބަސްވުން ނިމެންދެން މަޑުކޮށް، އަދި އިތުރަށް އެއްބަސްވުން އާކުރަން. އަހަރެން ލިވަޕޫލާ އެކު މުސާރަ ބޮޑުކުރަން ވާހަކަ ދައްކާ، ކްލަބު ދޫކޮށްލަން ވާހަކަ ދައްކާ ހިސާބަކަށް ނުދޭ. ސައުދީން އަހަންނަށްވެސް ހުށަހެޅުމެއް ލިބުނު. އެހެން ކުޅުންތެރިންނަށް ލިބޭ މުސާރަތަކުގެ ވާހަކަ ދެއްކީމަ ޝައުގުވެރިވެސްވޭ. އެހެންވިޔަސް އެއީ ކްލަބު ދޫކޮށްލަން ނިންމަނީކީ ނޫން. މިއީ ސައުދީއަށް އަހަރެން ދާނެ ވަގުތެއް ނޫން،" 2026 ވަނަ އަހަރާ ހަމައަށް ލިވަޕޫލްގެ އެއްބަސްވުމެއްގައި ހުރި އެލިސަން ބުންޏެވެ.
ލިވަޕޫލުން އެލިސަންގެ ބެކަޕް ގޯލްކީޕަރެއްގެ ގޮތުގައި ޔޫރޯ 2024 ގައި ޖޯޖިއާއިން ވިދާލި ވެލެންސިއާގެ ޖިއޯޖީ މަމަޑަޝްވިލީ ގެންދަން މިހާރު ވަނީ ގާތްގަނޑަކަށް ހުރިހާ ކަމެއް ނިންމައިފައެވެ. އުމުރުން 23 އަހަރުގެ މަމަޑަޝްވިލީ ލިވަޕޫލުން ގެންދަނީ 30 މިލިއަން ޕައުންޑްގެ އަގަށެވެ.
އެ ނިންމުމަށް އެލިސަން ވަނީ މަރުހަބާ ކިޔައިފައެވެ. އެލިސަން ބުނީ ލިވަޕޫލުން އޭނާގެ ވިސްނުމަށް ޖާގަ ފަހިކުރަން މުސްތަގުބަލަށް ވިސްނުން އެއީ ރަނގަޅެއް ކަމަށެވެ. އެހެން ނަމަވެސް، އޭގެ މާނައަކީ ކްލަބު ދޫކޮށްލަން ވިސްނަނީކީ ނޫން ކަމަށްވެސް އެލިސަން ބުންޏެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް