މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް ދީފައިވާ ޑޮލަރު ލިމިޓް މިއަދުން ފެށިގެން އެއްކޮށް ކަނޑާލަން ނިންމި ނިންމުން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާތިލްކޮށްފިއެވެ.
ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ، ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ހަދައިފައެވެ. އަދި އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ، ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ވެސް ކަނޑައަޅައިފައެވެ.
މީގެ އިތުރުން ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކޮށްފައެވެ.
ނަމަވެސް ބީއެމްއެލުން މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ އެ ނިންމުންތައް މުރާޖާ ކުރުމަށްފަހު، މިއަދު ގެނައި ބަދަލުތައް އުވާލައިފައެވެ.
ބީއެމްއެލުން ދެންމެ ބުނީ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓުތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރު، މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ އިރުޝާދުގެ ދަށުން ބަލައި، އެ ނިންމުންތައް އަނބުރާ ގެނެސްފައިވާ ކަމަށެވެ.
ބީއެމްއެލުން މިއަދު ހެނދުނު ގެނައި އެ ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވެފައިވަނީ، ބީއެމްއެލް އަށް ވިއްކޭނީ އެ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ކަމަށާއި މި އަހަރުގެ ތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ކަމަށެވެ.
"އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑު. ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާ ކަމެއް،" ކާލް ވިދާޅުވިއެވެ.
ކާލް އިތުރަށް ވިދާޅުވީ، އެ ނިންމުމަކީ މުހިންމު އިގުތިސޯދީ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މި ވަގުތުގެ ހާލަތަށް ބަލައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ.
ބީއެމްއެލްގެ އެ ނިންމުމާ ގުޅިގެން އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު