ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަކުރަން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ކުރެޑިޓް ކާޑުން މީގެ ކުރިން މަހަކަށް ކަނޑައަޅާފައިވާ ލިމިޓަކީ 750 ޑޮލަރެވެ. ނަމަވެސް މިއަދުން ފެށިގެން ލިމިޓު 90 ޕަސެންޓަށް ކުޑަކުރުމަށްފަހު ކްރެޑިޓް ކާޑުގެ ލިމިޓް ވަނީ 100 ޑޮލަރަށް ބަދަލުކޮށްފައެވެ.

ބީއެމްއެލް އިން މިއަދު ބުނީ ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށެވެ.

މީގެ އިތުރުން ވެސް މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ، ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެއެވެ. އަދި މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ، ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެއެވެ.

އެ ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ، އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ، ބީއެމްއެލް އަށް ވިއްކޭނީ އެ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ކަމަށާއި މި އަހަރުގެ ތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ކަމަށެވެ.

"އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑު. ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާ ކަމެއް،" ކާލް ވިދާޅުވިއެވެ.

ކާލް އިތުރަށް ވިދާޅުވީ، ބީއެމްއެލްއިން ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް ބޮޑު އަސަރެއް ކުރާނެ ކަމަށާއި ނަމަވެސް އެއީ މުހިންމު އިގުތިސޯދީ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މި ވަގުތުގެ ހާލަތަށް ބަލައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ.