ތ. ގުރައިދޫ ކައުންސިލްގެ ދެވަނަ ވޮލީ މުބާރާތް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަރިންނާއެކު މިރޭ ފަށައިފިއެވެ.

ޖުމުލަ ހަ ޓީމާއެކު މި އަހަރުގެ މުބާރާތް މިރޭ ފަށާފައިވަނީ ޔަންގް ސްޓާސްއާއި އާރްޑީއެލްގެ ކުރިމަތިލުމުންނެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ޔަންގް ސްޓާސްގެ އިތުރުން އާރްޑީއެލް، އެންފައިވް ކްލަބު ވޯރިއާސްގެ އިތުރުން ދީ ލައިވް އެސްސީ، އީވަލް އެސްސީ އަދި ވިންސިއޭ އެސްސީއެވެ.

ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރަށް ނިސްބަތްވާ ދެ ކުޅުންތެރިއަކު ހިމެނުމަށް ގަވާއިދުގައި ހިމަނާފައިވާ އިރު، ރާއްޖޭގެ ވަރުގަދަ ކުޅުންތެރިން ކަމަށްވާ އިސްމާއީލް ސާޖިދު (ކުޑަކާއްޓެ)އާއި އަލީ ހުޒާމް (ހުޒަންޓެ)ގެ އިތުރުން އަހުމަދު ނާފިއު، އާދަމް ފައިރޫޒް އަދި ޝަމާއިލް ހުސައިންވެސް މިފަހަރުގެ މުބާރާތުން ފެނިގެން ދާނެއެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގެ ހަތަރު ކުޅުންތެރިންވެސް މުބާރާތުގައި ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އިންޑިއާ ޕްރައިމް ލީގުގެ ބެސްޓް ސްޓްރައިކަރުގެ މަގާމު ހޯދި ޖެރޯމް ވިނިތުވެސް ފާހަގަކޮށްލެވެއެވެ.

ގައުމީ ފެންވަރުގެ ކުޅުންތެރިންގެ އިތުރުން ގައުމީ ފެންވަރުގެ ކޯޗުންވެސް މިފަހަރު މުބާރާތުގައި ޓީމުތަކަށް އިރުޝާދު ދޭ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގައުމީ ވޮލީ ޓީމުގެ ކޯޗުގެ ގޮތުގައި ކުރިން ފާހަގަކޮށްލެވުނު މުހައްމަދު ސާޖިދު (ބޮޑު ކާއްޓެ) އާއި މުހައްމަދު ޝަރަފުވެސް މިފަހަރު މުބާރާތުގެ ތެރެއިން ފެނިގެންދާނެއެވެ.

މުބާރާތް މިރެއިން ފެށިގެން މި އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު، ކައުންސިލް މެންބަރު ހަމްދާން އަލީ ވިދާޅުވީ މިފަހަރުގެ މުބާރާތް ފޯރި އާއެކު ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ރަށުގައި ނެތިގެންދާ ވޮލީގެ ރޫހު އަލުން އާލާކޮށް، ގިނަ ބައެއްގެ މެދުގައި ވޮލީގެ ޝައުގު އަލުން އިތުރުކުރުން ކަމަށެވެ.

ކޯޗު ޝަރަފުގެ ނަޒަރުގައިވެސް މިފަހަރުގެ ވޮލީ މުބާރާތް ވެގެންދާނީ ތ. ގުރައިދުއަށް ވޮލީގައި ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ އިތުރުން އެ ރަށުގައި ވަޅުޖެހިފައި އޮތް ވޮލީއަށް އާ ދިރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އެގޮތުން ގައުމީ ލެވެލްގެ ކުޅުންތެރިންނާއި އިންޑިއާގެ އައިކަނިކް ކުޅުންތެރިން މުބާރާތުގައި ކުޅޭތަން ފެނުމަކީ ކުދިންގެ ހިތްތަކުގައިވެސް ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

މިފަހަރު މުބާރާތުގެ ފޯރިގަދަވާނެ ކަމަށް ޓީމުތަކުންވެސް ޔަގީންކަން ދީފައިވާ އިރު، ބޮޑު މުބާރާތެއްގެ ސަބަބުން ގުރައިދުއަށް ވަނީ ވޮލީގެ އީދެއް އައިސްފައެވެ. ރަށުގެ ރައްޔިތުންގެ މެދުގައި މުބާރާތަށް އޮތް ސަޕޯޓް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.