ތެލުލިފަތާއި މަސްމިރުސް ފަދަ ބާވަތްތައް ބަންދުކުރާ ތަނަކުން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުންނާއެކު މިދިޔަ ހޯމަ ދުވަހު ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ރެއިޑުގައި މ. ތްރީ މޫން ބަލައި ފާސްކޮށް، އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ދިހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި ބިދޭސީން އެތަނުގައި ތައްޔާރުކުރަމުންދިޔަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެން ހުންނަ ތެލުލިފަތް، މަސްމިރުސް، ހިކިމަސް އަދި ލުއިކާނާގެ ބާވަތްތައް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އޭގެ އިތުރުން ހަމަ އެ ދުވަހު ގ. މޫން ލައިޓް ބަލައި ފާސްކޮށް، އެތަނުގެ އެއްވަނަ ފަންގިފިލާގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކޮށް، ބިދޭސީންނަށް ހާއްސަކޮށްގެން ކެފޭގެ ހިދުމަތް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ތަނުގެ ދެވަނަ ފަންގިފިލާގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކްތަކެއް ހަދައި، ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ބަލައި ފާސްކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 16 ބިދޭސީޔަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

އިމިގްރޭޝަނުން މީގެ ކުރިން ވަނީ ނުތާހިރުކޮށް ފޯއް ކޮށައި ވިއްކަމުންދިޔަ ތަނެއް ބަލައި ފާސްކޮށް ވެސް ބިދޭސީންތަކެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޭގެ އިތުރުން ބުޅާ މަރައި، އޭގެ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ އެމްޑީ އަރަފާތު ހޮސެއިން 32އ ނަމަކަށް ކިޔާ ބިދޭސީއަކު މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ހައްޔަރުކޮށް މޯލްޑިވްސް އިމިގްރޭޝަންއާ ހަވާލުކޮށްފައެވެ.

އަރަފާތުގެ ކާބޯތަކެތި ތައްޔާރުކުރަނީ ވަރަށް ނުތާހިރުކޮށް، މުއްދަތުވެސް ހަމަވެފައިވާ ތަކެތި ބޭނުންކޮށްގެންކަން "ވަން" އިން ވަނީ ކަށަވަރުކޮށްފައެވެ. އަދި އަރަފާތު ތަފާތު ވައްތަރުގެ ސަބްމެރިނާއި ބާގާ ފަދަ ތަކެތި އެކިއެކި ފިހާރަތަކަށް ވިއްކަން ލާކަން އެނގިފައިވެއެވެ. އޭގައި ބުޅާ މަސް އެކުލެވޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.