ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސްގެ އަންހެން ސާފިން އިވެންޓުގެ އެއް ސްލޮޓް ރާއްޖެއަށް މިއަދު ކަށަވަރުވެއްޖެއެވެ.
ރާއްޖެއަށް އަންހެން ސާފިން އިވެންޓުގެ ސްލޮޓެއް ކަށަވަރުވީ، މިހާރު ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ އަންހެން އޯޕަން އިވެންޓުގައި ރާއްޖޭގެ ސާފަރު، މަރިޔަމް ރާހިލް ނަސީމް (އާޔާ) ހޯދި ނަތީޖާއިން، ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ރޭންކިން ރަނގަޅު ގައުމަކަށް ރާއްޖެ ވާނެކަމުގެ ޔަގީންކަން ލިބުމުންނެވެ.
ރާއްޖޭގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ އޭޝިއަން ގޭމްސްގެ ކޮލިފިކޭޝަން އެއް ބައެވެ. ޖުމުލަ 48 ސާފަރުން އޭޝިއަން ގޭމްސްއަށް ކޮލިފައިވާ އިރު، އެއީ އަންހެން 24 އަދި 24 ޖާގައެވެ. ކޮލިފިކޭޝަން އިވެންޓުތަކުގެ ގޮތުގައި އޭޝިއަން ސާފިން ފެޑަރޭޝަނުން ކަނޑައަޅާފައިވާ އިވެންޓުތަކަކީ މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި އަންނަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕެވެ. ޖުމުލަ 24 ސްލޮޓް 12 ގައުމަކަށް މިފަހަރުގެ އިވެންޓުން ލިބިގެންދާ އިރު، އެންމެ ގިނަވެގެންވެސް ގައުމަކަށް މިފަހަރުގެ އިވެންޓުން ހޯދޭނީ ދެ ސްލޮޓެވެ. އެއީ ފިރިހެން ސްލޮޓެއްގެ އިތުރުން އަންހެން ސްލޮޓެކެވެ.
މިފަހަރު އޭޝިއާގެ ފަސް ރީޖަންގެ ތެރެއިން އެންމެ ރޭންކިން ރަނގަޅު ފަސް ގައުމަކަށް، އަންހެން އަދި ފިރިހެން ބައިންވެސް ފަސް ސްލޮޓް ޔަގީންކުރަން ފުރުސަތު އޮތް އިރު، ދެން ދެ ޑިވިޝަނުންވެސް އިތުރު ފުރުސަތު ދޭނީ ރޭންކިންއަށް ބަލައި، އެ ފަސް ގައުމު ފިޔަވައި އިތުރު ހަތް ގައުމަކަށެވެ. އެވެސް އަންހެން އަދި ފިރިހެން ސްލޮޓެކެވެ.
ރާއްޖެއަށް އަންހެން ސްލޮޓް މިއަދު ޔަގީންވީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ އަންހެން ބައިގައި ވާދަކުރި އާޔާ ހީޓް އެކެއްގެ ތިންވަނައިގައި ނިންމާލުމުންނެވެ. އާޔާ 4.20 ގެ ސްކޯއެއް ހެދި އިރު، އޭނާއަށް ކުއާޓާއަށް ނުދެވުނެވެ. އެހެންނަމަވެސް، އޭނާ ވަނީ ދެކުނު އޭޝިއާގެ ސްރީ ލަންކާއާއި އިންޑިއާ އެތުލީޓަށްވުރެ ރަނގަޅު ސްކޯއެއް ހޯދައިފައެވެ. އެހެންކަމުން ރާއްޖެއަކީ މިހާރު އެ ރީޖަންގެ އަންހެން ސާފިން އެންމެ ރޭންކިން ރަނގަޅު ގައުމުކަން ވަނީ ޔަގީން ވެފައެވެ.
އިންޑިއާއިން ހީޓް ހައެއްގައި ވާދަކުރި ކަމާލީ ޕްރަކާޝްއަށް ހެދުނީ 3.87 ގެ ސްކޯއެކެވެ. އާޔާގެ ހީޓްގައި ވާދަކުރި ލަންކާގެ އުސްވައްތާގޭ ސެނޫރީ މަޑުޝާނީއަށް ހެދުނީ 0.50 ގެ ސްކޯއެކެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް