ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓްގެ، އިތުރު ދެ ޖާގަ ރާއްޖެއަށް ޔަގީންވެއްޖެއެވެ.

ރާއްޖޭގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ އިތުރުން މި ހަފުތާގައި އިންޑިއާގެ ޓަމިލް ނާޑޫގައި ނިމިގެން ދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީވެސް އޭޝިއަން ގޭމްސްގެ ކޮލިފިކޭޝަންގެ ދެ އިވެންޓެވެ. ޖުމުލަ 48 ސާފަރުން އޭޝިއަން ގޭމްސްއަށް ކޮލިފައިވާ އިރު، އެއީ އަންހެން 24 އަދި ފިރިހެން 24 ޖާގައެވެ.

ރާއްޖޭގެ މުބާރާތުންވެސް ޖުމުލަ 24 ސްލޮޓް 12 ގައުމަކަށް ދީފައިވާ އިރު، އެފަހަރު ގައުމަކަށް އެންމެ ގިނަ ވެގެން ދިނީ ދެ ސްލޮޓެވެ. އެއީ ފިރިހެން ސްލޮޓެއްގެ އިތުރުން އަންހެން ސްލޮޓެކެވެ.

އަނެއް ސްލޮޓުތައް މިފަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުން ދީފައިވާ އިރު، ރާއްޖެއަށް ވަނީ އަނެއްކާވެސް އަންހެން އަދި ފިރިހެން ސްލޮޓެއް ލިބިފައެވެ. އެހެންކަމުން ޖުމުލަ ހަތަރު އެތުލީޓަކު އޭޝިއަން ގޭމްސްގެ ސާފިން އިވެންޓްގައި ފެނިގެންދާނެ އެވެ.

މިފަހަރު އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖެއަށް އެންމެ ރަނގަޅު ކާމިޔާބެއް ހޯދީ ޖޫނިއާ އެތުލީޓުންނެވެ. ޔޫސުފް ކަޔާނާއި ޔަސީން ނާޝިދު ޖޫނިއާ ބައިގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، ޖޫނިއާ ޓީމުން ވަނީ ލޯ މެޑަލް ހޯދައިފައެވެ.

އޭގެ އިތުރުން ރާއްޖެއިން މިފަހަރުވެސް ގަދަ 8 ގައުމުގެ މެދުގައި ކުރިއަށްދާ އަލޯހާ ކަޕުގައި ވާދަކޮށްފައިވެއެވެ. އެ ކަޕްގެ ސެމީއަށް ރާއްޖެ ގޮސްފައިވެއެވެ.