އިންޑިއާގެ ޓެމިލް ނާޑޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ފިރިހެން އޯޕަން ބައިގެ ރެޕޯ ހީޓުގައި ވާދަކުރި އިސްމާއީލް ރަޝީދު (ސްމައިލީ) އާއި ހޫދު އަހުމަދު (ހޫބްސް) ވެސް ތިންވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ޖުމުލަ 19 ގައުމަކުން 121 އެތުލީޓުން ވާދަކުރަމުން ދެއެވެ. މިއަހަރު އޭޝިއަން ސާފިން އިވެންޓް، ޓަމިލް ނާޑޫގެ މަހަބަލިޕޫރަމްގައި ކުރިއަށްދާ އިރު، ފިރިހެން އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓުން އެއްވަނަ ހޯދައި، ރާއްޖޭގެ އަހުމަދު އާގިލް (އަންމަޑޭ) ވަނީ ސީދާ ތިންވަނަ ބުރަށް ދަތުރުކޮށްފައެވެ.
ސްމައިލީއާއި ހޫބްސް ރެޕޯ ހީޓުތަކުގައި ވާދަކޮށްފައިވާ އިރު، ރެޕޯ ހީޓް ދޭއްގެ އެއްވަނަ ސްމައިލީ ހޯދިއެވެ. އެއީ 9.70 ގެ ސްކޯއަކުންނެވެ. ހޫދު ވަނީ ރެޕޯ ބުރުގެ ހަތަރު ވަނަ ހީޓުން އެއްވަނަ ހޯދައިފައެވެ. އެއީ 10.17 ގެ ސްކޯއަކާ އެކުގައެވެ.
ޖޫނިއާ އެތުލީޓުންގެ ތެރެއިން ޔޫސުފް ކަޔާނާއި ޔާސިން ނާޝިދު ތިންވަނަ ބުރަށް ގޮސްފައިވާ އިރު، ޔާސިން ދިޔައީ ފުރަތަމަ ބުރުގެ ހީޓް ފަހެއްގެ ދެވަނަ ހޯދައިގެންނެވެ. އެއީ 11.73 ގެ ސްކޯއަކުންނެވެ.
ޔޫސުފް ކަޔާން ތިންވަނަ ބުރު ޔަގީންކުރީ ރެޕޯ ހީޓުތަކުގެ ތެރެއިން ފުރަތަމަ ހީޓުގައި 6.17 ގެ ސްކޯއަކުން، އެ ހީޓުގެ އެއްވަނަ ހޯދައިގެންނެވެ. ދެން ރެޕޯ ހީޓުގައި ވާދަކުރި ކަޔާން އަރީފަށް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެގެންދާނީ އަޗީ-ނަގޯޔާގެ އޭޝިއަން ގޭމްސް 2026 އަށް ސާފިންއިން ކޮލިފައިވާން ލިބޭ ފަހު ފުރުސަތަށެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއެކު ރާއްޖެއަށް ވަނީ ކޮލިފިކޭޝަން ސްލޮޓްތަކެއް ޔަގީންވެސް ވެފައެވެ.
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް