އިންޑިއާގެ ޓެމިލް ނާޑޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ އަންހެން އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކުގެ ނަތީޖާއާއެކު ރާއްޖޭގެ އަންހެން ތިން ސާފަރުންވެސް ރެޕޯ ހީޓުތަކުގައި ވާދަކުރަން ޖެހިއްޖެއެވެ.

މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ޖުމުލަ 19 ގައުމަކުން 121 އެތުލީޓުން ވާދަކުރަމުން ދެއެވެ. މިއަހަރު އޭޝިއަން ސާފިން އިވެންޓް، ޓަމިލް ނާޑޫގެ މަހަބަލިޕޫރަމްގައި ކުރިއަށްދާ އިރު، އެ އިވެންޓް ވެގެންދާނީ އަޗީ-ނަގޯޔާގެ އޭޝިއަން ގޭމްސް 2026 އަށް ސާފިންއިން ކޮލިފައިވާން ލިބޭ ފަހު ފުރުސަތަށެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއެކު ރާއްޖެއަށް ވަނީ ކޮލިފިކޭޝަން ސްލޮޓްތަކެއް ޔަގީންވެސް ވެފައެވެ.

މިފަހަރުގެ މުބާރާތަށް ރާއްޖެއިން ދިޔަ އަންހެން ޓީމުގައި ހިމެނެނީ މަރިޔަމް ރާހިލް ނަސީމް (އާޔާ), ރިޝްތާ ޝުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒު)އެވެ.

އިއްޔެ ފުރަތަމަ ބުރުގެ ހީޓް ދޭއްގައި ރާޔާ ވާދަކޮށް، އެ ހީޓުގެ ދެވަނަ ހޯދިއެވެ. އެއީ 1.30 ގެ ސްކޯއަކުންނެވެ. އެ ހީޓުގެ އެއްވަނައަކީ އިންޑޮނޭޝީއާގެ ދިއޭ ނަތަސްޔާއެވެ.

ރިޝްތާ ފުރަތަމަ ބުރުގައި ވާދަކުރީ ހީޓް ނުވައެއްގައެވެ. އެ ހީޓުގެ އެއްވަނަ އިންޑޮނޭޝިއާގެ ތައިނާ އޭންޖަލް ހޯދި އިރު، 1.47 ގެ ސްކޯއަކާއެކު ރިޝްތާ ނިންމާލީ ދެވަނައިގައެވެ. އެ ހީޓުގައި ވާދަކުރީވެސް ދެ ސާފަރުންނެވެ.

ޝާޒު އިއްޔެ ވާދަކުރީ ހީޓް 10 ގައެވެ. އެ ހީޓުން ތިންވަނަ ލިބުނު ނަމަވެސް، ޝާޒު ވަނީ ރެޕޯ ހީޓަށް ގޮސްފައެވެ. ޝާޒުގެ ސްކޯއަކީ 2.46 އެކެވެ. އެ ހީޓުގެ އެއްވަނައަކީ އިންޑޮނޭޝިއާގެ ކައިލާނީ ޖޯންސަންއެވެ. ދެވަނައަކީ އުޒްބެކިސްތާނުގެ މާޔާ ކާލެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ހީޓުތައް މިއަދުވެސް ކުރިއަށްދާނެއެވެ.