އުމުރުން 33 އަހަރުގެ ޖަރުމަނު މިޑްފީލްޑަރު އިލްކާއި ގުންޑޮގަން އަނބުރާ މެންޗެސްޓާ ސިޓީއާ ގުޅެން ތައްޔާރުވެއްޖެއެވެ.

ދާދިފަހުން ގައުމީ ޓީމުން ރިޓަޔާކުރި ގުންޑޮގަން އެއް ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލައި، އަނބުރާ ސިޓީއާ ގުޅެން ނިންމާފައިވާކަން އިތުބާރު ނޫސްވެރިން ވަނީ ޔަގީންކޮށްދީފައެވެ. އޭނާ ސިޓީއަށް ދާނީ ހިލޭ ޓްރާންސްފާއެއްގައެވެ. އެއީ ބާސާއިންވެސް ގުންޑޮގަން ފޮނުވާލަން ބޭނުންވެ، އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާތީއެވެ. ގުންޑޮގަން ބާސާއާއެކު ފުރަތަމަ ހެދި އެއްބަސްވުން ހަމަވާން ބާކީ އަދި ދެ އަހަރު އޮތް ނަމަވެސް، އޭނާއަށް އެ ދުވަސްތަކަށް ދޭން ޖެހޭ މުސާރައިގެ ބަދަލެއް ގުންޑޮގަން ނުނަގާނެއެވެ.

ގުންޑޮގަން އަނބުރާ ސިޓީއަށް ގެންދަން އެންމެ ބޮޑަށް ބޭނުންވީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކަމަށް ނޫސްތައް ބުނެއެވެ. އެގޮތުން ގުންޑޮގަން ގެންދަން ސިޓީން މަސައްކަތްކުރީ ބާސާގައި އޭނާ މަޑުކުރަން ބޭނުންނުވާ ކަމަށް ގާޑިއޯލާގެ ފަރާތުން އެނގިގެން ކަމަށްވެސް ނޫސްތައް ބުނެއެވެ. އޭގެ އިތުރުން ގުންޑޮގަން ގެންނަން ގާޑިއޯލާ، ސިޓީގެ ބޯޑުގެ ކިބައިން އެދުނު ކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

ގުންޑޮގަން މިދިޔަ ސީޒަނަށް ބާސެލޯނާއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައެވެ. މެންޗެސްޓާ ސިޓީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ގުންޑޮގަން ބާސާއަށް ބަދަލުވެ، މިދިޔަ ސީޒަނުގައި އެ ކްލަބަށް 51 މެޗު ކުޅެފައިވެއެވެ. އެހެން ނަމަވެސް، މި ސީޒަނުގައި ބާސާގެ އާ ކޯޗު، ހާންސީ ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު މެޗުގެ ސްކޮޑުގައި ގުންޑޮގަން ހިމަނާފައެއް ނުވެއެވެ.

ފްލިކްގެ އިރުޝާދުގެ ދަށުން ގުންޑޮގަން މީގެ ކުރިން ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެފައެވެ. ގުންޑޮގަން ސްކޮޑުގައި ނެތުމާ ގުޅޭގޮތުން ފްލިކް ބުނީ ގުންޑޮގަންއަކީ ކުޅުންތެރިއެއްގެ ގޮތުގައި ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށާއި ގުންޑޮގަންއާ ދެމެދު ކުރެވުނު މަޝްވަރާތައް ސިއްރުކުރަން ބޭނުންވާ ކަމަށެވެ.

ފްލިކް، ގުންޑޮގަން މަޑުކުރުވަން ބޭނުންވާ ނަމަވެސް، ބާސާވެސް މިވަގުތު އޮތީ ފައިސާގެ ހާލަތަށް ވިސްނަން ޖެހިފައެވެ. ކުޅުންތެރިން ވިއްކަން ބާސާއަށް މަޖުބޫރުވެފައިވާ އިރު، ގުންޑޮގަން ހޯދަން ސިޓީގެ އިތުރުން ގަތަރުގެ ބައެއް ކްލަބުތަކުން މަސައްކަތްކޮށް ބޮޑެތި ބިޑުތަކެއްވެސް ހުށަހެޅިއެވެ.