ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް މި އަހަރުގެ އޮކްޓޯބަރު މަހު ބާއްވަން ނިންމައި، ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ ޑައިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މި އަހަރަކީ ދިރާގު މޯލްޑިވްސް ރޯޑްރޭސްއަށް ވަރަށް ހާއްސަ އަހަރެއް ކަމަށެވެ.

އެގޮތުން މި އަހަރު ބާއްވާނީ އެ ދުވުމުގެ 15 ވަނަ އެޑިޝަނެވެ. އަދި މި އަހަރުގެ ދުވުމުގައިވެސް ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރު އަދި 2023 ގައި ތައާރަފު ކުރި ހާފް މެރަތަންގެ އިތުރުން މުޅިން އަލަށް އޮފީސް/ ރިސޯޓް ކެޓަގަރީއެއް ތައާރަފުކޮށްފައިވާ ކަމަށް މިރުޝާން ވިދާޅުވިއެވެ.

"އެއީ ކޮންމެ ޓީމެއްގައި ހަތަރު ބައިވެރިން ހިމެނޭހެން. ޓީމުތަކުގެ ދުވުމުގައި ބަލަނީ ޓީމުތަކުގެ ބައިވެރިންގެ ޖުމުލަ ދުވުމުގެ ޓައިމިންތަކަށް. އަދި ސްކޫލުތަކުން ވަކިވަކިން އަންހެން ފިރިހެން ކުދިންނަށް އިނާމުތައް ދިނުމަށްވެސް ވަނީ ހަމަޖެހިފައި،" މިރުޝާން ވިދާޅުވިއެވެ.

"ކުޑަކުދިން ހިމާޔަތްކުރުން އަދި ރައްކާތެރިކުރުން"ގެ މައުޟޫއަށް މިއަހަރު ބާއްވާ ދުވުން އޮންނާނީ 25 އޮކްޓޯބަރު 2024ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ދުވުމުގައި ރަޖިސްޓްރީވުމަށް ދިރާގުން ވަނީ ހާއްސަ ވެބްސައިޓެއް ވެސް ތައާރަފުކޮށްފައެވެ. އެއީ https://www.dmrr.mv އެވެ.

ދިރާގުން ބުނާ ގޮތުން 4،000 ބައިވެރިންގެ ލިމިޓް ހަމަވަންދެން ދުވުމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި އޮންނާނެއެވެ.

ދިރާގު ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އެގޮތުން މިދިޔަ އަހަރު 27 ގައުމަކުން ބައިވެރިވިއެވެ.

ދިރާގުން ބުނީ، އެހެން އަހަރުތަކަކޭ އެއްގޮތަށް މި އަހަރުގެ ދުވުމުގައިވެސް ކުޑަކުދިން ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ދިރާގުން މި އަހަރުގެ ދުވުމުގައި އެންޑޯސްކޮށްފައިވާ 12 ޖަމިއްޔާގެ ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތަކުން ރާވާފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމުލަ 200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާއާއި ސްޕެޝަލް ބިބް ނަންބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

އެގޮތުން މިދިޔަ އަހަރުގެ ޕާޓްނަރު ޖަމިއްޔާތަކަށް ދިރާގުން ވަނީ ޖުމުލަ 635،000 ރުފިޔާ ހަދިޔާކޮށްފައެވެ.

  • ހާފް މެރަތަންގެ އެއްވަނަ ދެ ވަނަ އަދި ތިން ވަނައަށް ކޮންމެ ވަނައަކަށް އަންހެން ފިރިހެން ވަކިން:-
  • 1 ވަނަ 25،000 ހާސް ރުފިޔާގެ ފައިސާގެ އިނާމު
  • 2 ވަނަ 15،000 ހާސް ރުފިޔާގެ ފައިސާގެ އިނާމު
  • 3 ވަނަ 10،000 ހާސް ރުފިޔާގެ ފައިސާގެ އިނާމު
  • 10 ކިލޯމީތަރު އަދި 5 ކިލޯމީޓަރުގެ އަންހެން ފިރިހެންވަކިން:-
  • 1 ވަނަ 10،000 ހާސް ރުފިޔާގެ ފައިސާގެ އިނާމު
  • 2 ވަނަ 8،000 ހާސް ރުފިޔާގެ ފައިސާގެ އިނާމު
  • 3 ވަނަ 6،000 ހާސް ރުފިޔާގެ ފައިސާގެ އިނާމު
  • ސްކޫލު ކެޓަގަރީ ތަކުން 13 އަހަރުން ދަށް އަދި 13 އަހަރުން މަތި، އަންހެން ފިރިހެން ވަކިން:-
  • 1 ވަނަ 5،000 ހާސް ރުފިޔާގެ ޕްރައިސް ވޯޗަރު
  • 2 ވަނަ 3،000 ހާސް ރުފިޔާގެ ޕްރައިސް ވޯޗަރު
  • 3 ވަނަ 1،000 ހާސް ރުފިޔާގެ ޕްރައިސް ވޯޗަރު
  • އޮފީސް އަދި ރިސޯޓް ކެޓަގަރީން ކޮންމެ ޓީމަކަށް:-
  • ކޮންމެ ވިނިންގް ޓީމަކަށް 10،000 ހާސް ރުފިޔާގެ ފައިސާގެ އިނާމު
  • ފުރަތަމަ ރަނަރަޕްޓީމަށް 8،000 ހާސް ރުފިޔާގެ ފައިސާގެ އިނާމު
  • ދެވަނަ ރަނަރަޕްޓީމަށް 6،000 ހާސް ރުފިޔާގެ ފައިސާގެ އިނާމު