އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގި އެންގުމާ އެއްގޮތަށް އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.
އާރަށް މައްސަލައިގައި ކްރިިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވީ 25 ޑިސެމްބަރު 2022 ގައެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުން ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އަންގައިފައެވެ.
އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުގައި ފެށީ މިއަދު ހެނދުނު 9:00 ގައެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ލައިވްކޮށް ދުރަށް ދައްކާ ގޮތަށް މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެކަމާ ދައުލަތުން އިއުތިރާޒު ކޮށްފައި ނުވާތީ، އެގޮތަށް ޝަރީއަތް ގެންދަން ވަނީ ނިންމައިފައެވެ.
މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ އަންނަ މަހުގެ 15 ގައި އަޑުއެހުމެއް ބޭއްވުމަށް އިއުލާންކޮށްފައެވެ. އެއީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބަލަނީ ގާޒީ އަލީ ނަދީމެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާކުރާއިރު، އެ މައްސަލައިގައި ރިޝްވަތު ދިންކަމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުވާކުރިއެވެ.
ރައީސް ޔާމީންގެ ހުކުމާއެކު ޔޫސުން ނައީމަށް ކުރި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމްވެސް ވަނީ ބާތިލުވެފައެވެ. އެ މައްސަލަ އަލުން ބަލަން އެންގި ނަމަވެސް އެ މައްސަަލަ އަދި ތާވަލެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު