ގ. ސަހަރާ މަގު ނިމޭ ހިސާބުގައި ހުރި ރަނައުރާގެއާގޭ ގެ ވަންނަން އޮތް ހަތަރު ފޫޓު ފުޅާ ގޯޅިތެރެއިން ގޮސް ވަދެވުނީ، ކުޑަވަރެއްގެ "ގޮނޑަކަށެވެ." އެ ގޯޅީގެ ތެރެއިން ގޮސް، ބާވެ ތަންތަންކޮޅު ފަޅައިގެން ގޮސްފައިވާ ލަކުނޑި ދޮރަކުން ވަދެވުނީ، ބުޅާ މަރައި، އޭގެ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކާކަމުގެ ތުހުމަތު އޮތް ބަންގްލަދޭޝްގެ އެމްޑީ އަރަފާތު ހޮސެއިން 32އ ދިރިއުޅޭ އެޕާޓްމަންޓަށެވެ.
ގާތްގަނޑަކަށް އަށް ފޫޓު ދިހަ ފޫޓުގެ އެ އެޕާޓްމަންޓުގެ ގްރައުންޑް ފްލޯ ގައި ހުރީ ބަދިގެއެވެ. އެއްވެސް ތަރުތީބެއް ނެތި، ކެއްކުމަށް ބޭނުންކުރާ ސާމާނުން އެތަން އޮތީ ފުނި ޖެހިފައެވެ. ފާޑުފާޑުގެ މަސާލާ ޕެޖެޓުތަކެވެ. މޮޑެފައި ސަބްމެރިން މަސްގަނޑެއްވެސް ބިންމަތީގައި އޮތެވެ. އެޕާޓްމެންޓުގެ އެއް ކަނެއްގައި، ކުޑަވަރެއްގެ ފްރިޖެއް ހުއްޓެވެ. އެ ފްރިޖުގެ ގަނޑުކުރާ ބައި، ހުޅުވައިލި އިރު، އެކި ކޮތަޅު ކޮތަޅަށް އަޅައިފައި އެކި ބާވަތުގެ މަސް ހުއްޓެވެ. ފްރިޖު ހުޅުވާލުމުން ވެސް ދުވީ ކުނި ވަހެވެ. އެ ޕާޓްމަންޓަށް ވަން ދޮރު ކައިރީގައި މަހުން ފުރިފައިވާ ޑީފްރިޖެއް ވެސް ހުއްޓެވެ. އެ ހުރިހާ އެއްޗަކުން ވެސް ދުވީ ނުބައި ކުނި ވަހެވެ.
އެ އެޕާޓްމެންޓްގެ މައްޗަށް ދެ ޑެގު އަޅާފައި ހުރި އިރު، ފުރަތަމަ ފްލޯގައި ހުރީ ސްޓޯރޭޖާއި ވަރަށް ކުޑަ ކުޑަ ފާހާނާއެވެ. އެ ސްޓޯރޭޖްގައި ހުރީ ކެއްކުމަށް ބޭނުންވާ ސާމާނު ސްޓޮކް ކޮށްފައެވެ. އަދި އެތަނުގައިވެސް ޑީފްރިޖެއް ހުއްޓެވެ. އެ ޑީފްރިޖްގައި ވެސް ގިނަ އަދަދެއްގެ މަސް ހުރި އިރު، އޭގެން ވެސް ދުވަނީ ކުނި ވަހެވެ. ތިން ވަނަ ފްލޯގައި އޮތީ ކުއީން ސައިޒުގެ ގޮދަނޑިއެކެވެ. އެއީ އޭނާ ނިދުމަށް ބޭނުންކުރި ތަނެވެ. އެތަނުގައި ބުޅާ ގެންގުޅެފައިވާ ނިޝާންތައް ހުއްޓެވެ.
އަރަފާތު އުޅޭ އެޕާޓްމަންޓުގެ ބަދިގެ ހުރި ބައިގެ ބޭރަށް ވައި ބޭރުކުރަން ދުން ހޮޅިއެއް ލާފައި ހުއްޓެވެ. އަދި ބަދިގެ ތެރޭގައި އެކި ޒާތުގެ ތެލިތައް ވެސް ހުއްޓެވެ. އެތަނުގެ ބޭރުގައި، ދެތިން ގޭސް ސިލިންޑަރު ހުރުމުން ސާފުވި އެއްކަމަކީ އެތަނަކީ، ގިނަ އަދަދެއްގެ ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ކަމެވެ.
މުޅިން ތަރުތީބު ގެއްލިފައިވާ އެ އެޕާޓްމެންޓުން ފެނުނީ ކުނިވެ ފުޅަ އަޅާފައިވާ ތަކެއްޗެވެ. މުޅި ތަނުގައި ހިފާފައި ހުރީ ކުނި ވަހެވެ. ތަނުގެ ނަޖިސްކަމާއި ނުތާހިރުކަމާ އެކު ތަތްމުޑު ވަސް ވެސް އެތަނުގައި ވަރަށް ބޮޑަށް ހުއްޓެވެ.
އަރަފާތުގެ އެޕާޓްމަންޓުން "ވަން" އަށް ލިބުނު ބައެއް ލިޔުންތަކުން އެނގޭ ގޮތުގައި އޭނާ ވިއްކަނީ، ޗިކަން ސަބްމެރިންނާއި ޗިކަން ޕަނީނީ އާއި ހޮޓް ޑޯގާއި ޓޫނާ ސޭންޑްވިޗް އާއި ޓޯސްޓާއި ޗިކަން ބާގާ އާއި އެގް ސޮސެޖު ސޭންޑްވިޗެވެ. މީގެ އިތުރުން އެތަނުގައި ބަންގްލަދޭޝް މީހުންނަށް ކާ އެއްޗެހި ތައްޔާރުކުރާކަން ވެސް އެނގިފައިވެއެވެ. އެއީ، އެތަނުން ކޮތަޅު ކޮތަޅަށް އަޅައިގެންނާއި ޕާރްސަލް ކޮށްގެން ގިނަ އަދަދެއްގެ ކާތަކެތި ނެރޭތަން އެ ގޭގައި ދިރިއުޅޭ މީހުންނަށް ފެނިފައިވާތީއެވެ.
"ވަން" އިން އަރްފާތު، ދިރިއުޅޭ އެޕާޓްމަންޓަށް އެތަނުގެ ވެރިފަރާތުގެ ހުއްދައާ އެކު ވަދެ، އަރަފާތު ކައްކަން ގެންގުޅޭ ބައެއް ތަކެތި ބެލި އިރު، އެ ތަކެއްޗަކީ މުއްދަތު ހަމަވެފައިވާ ތަކެއްޗެވެ. އެގޮތުން މެގީ ސޯސްގެ ހަތަރު ވަރަކަށް ކޭސް އެތަނުގައި ހުރި އިރު، އެ އެއްޗިއްސަކީ މިދިޔަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހަށް މުއްދަތު ހަމަވެފައިވާ ތަކެއްޗެވެ. އަދި އެތަނުން ފެނުނު މީޓް މަލާސާ ޕެކެޓުތައް ވެސް ހުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހަށް މުއްދަތު ހަމަވެފައެވެ.
"މުއްދަތު ހަމަވާން ކައިރިވީމާ، ފިހާރަތަކުން ވަރަށް ހެޔޮ އަގުގައި ވިއްކާނެ މި ތަކެތި، އަސްލު އަގަށްވުރެ ވަރަށް ބޮޑުތަން ހެޔޮކޮށް، ބައެއް ފަހަރު ހިލޭވެސް ލިބެން ހުންނާނެ. ދެން އެތަނުން މިތަކެތި ގަނެގެން މިތާންގައި ސްޓޮކްކޮށްފައި މި ހުންނަނީ" "ވަން" އަށް މައުލޫމާތު ދެމުން ރަނައުރާގޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި އަރަފާތު ދިރިއުޅޭ އެޕާޓްމަންޓުން ބުޅާ ރޯ އަޑު، ވަރަށް ގިނައިން އިވެއެވެ. ބައެއް ފަހަރު އިރުއޮއްސޭ ވަގުތާއި ދަންވަރުގެ ވަގުތުގައި އެ އަޑު ގަދަވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ބައެއް ގަޑިތަކުގައި ބުޅަލުގެ އެއްވެސް އަޑެއް ނީވޭ ކަމަށް އޭނާ ކިޔައިދިނެވެ.
"ނިދާ ގަޑީގައި އިވޭނެ ބުޅާ ރޯއަޑު ވަރަށް ގިނައިން. އަހަރެން ބައެއް ފަހަރު ނުނިދިގެން ގޮސް ދޮރުގައި ތަޅާވެސް ހަދަން. ބުނީމަ ބުނާނެ ބަނޑުހައިވެގެން ރޮނީއޭ،" އޭނާ ކިޔައިދިނެވެ.
އަރަފާތު ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ބުޅާ ކާނާ ވެސް ފެނިފައިވެއެވެ. އެހެންކަމުން އެތަނަކީ ގިނަ އަދަދެއްގެ ބުޅާ ގެންގުޅެފައިވާ ތަނެއްކަން ސާފުވެއެވެ. ޝޯޝަލް މީޑިއާގައި މީހަކު އާއްމުކުރި ވީޑިއޯއަކުން އަރްފާތު، ކޮތަޅުތަކެއް ހިފައިގެން މޭރީ ބްރައުން ޕާކިން ޒޯނާއި ހީނާމާގޭ ޕާކިން ޒޯނު ކައިރީ އުޅޭ މަންޒަރު ފެނެއެވެ. އެ ސަރަހައްދުތަކަކީ، ގިނަ އަދަދަކަށް ބުޅާ އުޅޭ ސަރަހައްދުތަކެވެ. އެތަނުން އަރްފާތު ބުޅާ ހިފައިގެން ގެއަށް ގެންދާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އަރަފާތުގެ ގެއަށް ބުޅާ ވެއްދުމަށް ފަހު، އެއަށް ވަނީ ކިހިނެއް ކަމެއް ސާފެއް ނޫނެވެ. ނަމަވެސް، އެ ބުޅާ މަރާކަން ސާފުވީ، އެ އެޕާޓްމަންޓުން ނެރުނު ކުނި ކޮތަޅެއްގެ ތެރެއިން ބުޅަލެއްގެ ބޮލެއް ފެނުމުންނެވެ.
"މިތާ ބޭރަށް ނެރެފައި ހުރި ކުނި ކޮތަޅެއްގެ ތެރެއިން ބުޅަލެއްގެ ބޮލެއް ފެނުނު އަހަރެންނަށް. ކްރީމް ކުލައެއްގެ ބުޅަލެއް އެއީ. ދެން ބުޅަލުގެ ހަންގަނޑުވެސް ދަމާފައި ހުއްޓާ ފެނުނު" މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުންޏެވެ.
ރަނައުރާގެއަކީ، އެ ގޭގެ ހައްގުވެރިންނަށް ފޮތިފޮތި ކޮށްފައި އޮތް ގެއެވެ. އެ ގޭގައި ދިރިއުޅޭ ފިރިހެނަކު "ވަން" އަށް ބުނި ގޮތުގައި، އެ ތަނުގައި އަރްފާތު ކައްކަން ފަށަނީ ދަންވަރުގެ ވަގުތެއްގައެވެ. އަދި ހުއްޓާލަނީ ހަވީރު ކަމަށް އޭނާ ބުންޏެވެ.
"އަބަދު ކައްކާތީ އުނދަގޫވެގެން އެކަމުގެ ޝަކުވާ ކުރީމައި ބުނޭ "ކަލޭމެންނާ ބެހޭ ކަމެއް ނޫނޭ. ތިމަންނާ ކުލި ދައްކައިގެން އުޅޭ ތަނެކޭ." ދެން ބައެއް ފަހަރު އިންޒާރު ވެސް ދީފައި އެބަހުރި، އަދި މި ގޭގައި އުޅޭ މީހެއް ކައިރީގައި ބުނެފައި އެބަހުރި "ތިމަންނާއަކީ ބަންގްލަދޭޝްގައި މީހުންވެސް މަރާފައި ހުރި މީހެއް ކަމަށް" އޭނާ ކިޔައިދިނެވެ.
އަރްފާތު ހޯދުމަށް އިމިގްރޭޝަނުން އޭނާގެ އިއްޔެ ވަނަވަރު އާއްމުކުރުމާ އެކު، އޭނާ ވަނީ އެޕާޓްމަންޓަށް ގޮސް އެތަނުގެ ތަޅުންމަތި ބްލީޗު އަޅައި ސާފުކޮށްފައެވެ. އަދި އެއަށް ފަހު، އެތަން ދޫކޮށް އޭނާ ފިލީއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު އަރަފާތު ގެންދިޔައީ ހެނދުނު 10:36 ހާއިރު ދިލްބަހާރު މަގުގައި އިންނަ ސެލޫނަކުންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ބޯކޮށާ ސެލޫނުން ހައްޔަރުކުރި އިރު، އޭނާ އެތަނަށް ގޮސް ހުރީ ސިފަ ބަދަލުކުރަން ބޯ ބާލުމަށް ގޮހެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް