ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރި ކުރުވައި އެ ދާއިރާއިން އަންހެނުން ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސްޕޮންސާ ކޮށްފިއެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަން ބާއްވާފައިވަނީ ހޮޓަލް ޖެންގައި މިއަދެވެ. އެ ކޮންފަރެންސްގެ ޝަރަފުވެރިކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.

އެމްއޭސީއެލުން ބުނީ އެ ކޮންފަރެންސް ސްޕޮންސާ ކޮށްދިނުމުގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށްވެފައި ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުމަށް، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް ނައްތާލުމާއި އަންހެނުން ބާރުވެރިކުރުމަށް ހިއްވަރު ދިނުމަކީ ވެސް އެ ކޮންފަރެންސް ސޮޕްންސާ ކުރި އެއް މަގްސަދު ކަމަށް އެމްއޭސީއެލުން ބުންޏެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަންގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އޭރޯޑްރޯމް މެނޭޖްމެންޓް ސާވިސަސްގެ ސީނިއާ ޖެނެރަލް މެނޭޖާ މަހަމޫދާ ޝަރީފް ވިދާޅުވީ އިންޖިނިއަރިން ދާއިރާ އާއި އެއާފީލްޑް މެނޭޖްމަންޓް ދާއިރާގައި އަންހެނުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ލީޑާޝިޕްގެ މަގާމުތަކުގައި އަންހެނުން މަދު ކަމަށެވެ. އަދި ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ މުހިއްމުކަން ފާހަގަކޮށް، އެމްއޭސީއެލްގެ މެނޭޖްމަންޓުން ލީޑާޝިޕް މަގާމްތަކަށް އަންހެނުން އައްޔަނުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް މަހުމޫދާ ވިދާޅުވިއެވެ.

އެމްއޭސީއެލުން ބުނީ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ވިމެންސް އެޑިޝަންގެ މައިގަނޑު މަގްސަދަކީ، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، އަންހެނުންގެ ދައުރު ފުޅާކުރުމަށް މަގުފަހިކުރުން ކަމަށެވެ.

އެ ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން ބައިވެރިވި ދެ ޕެނަލް ޑިސްކަޝަން ވެސް ވަނީ ކުރިޔަށް ގެންގޮސްފައި ކަމަށާއި އެގޮތުން މަތީ މަގާމުތަކުގައި ތަފާތުކުރުން ނައްތާލުމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި ޒަމާނުއްސުރެ ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާފަރާތްތަކާ މެދު ދެކޭގޮތާ ބެހޭގޮތުން ޕެނަލްގެ ބައިވެރިން ހިޔާލު ބަދަލުކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.