ކުޑަކުއްޖަކު އޭނާގެ ކާފަގެ އެކައުންޓުން އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރި 1.8 މިލިއަން ރުފިޔާ، އެ ފައިސާ ޖަމާވި އެކައުންޓުގެ ވެރިފަރާތުން ބޭނުންކުރުމުން، ފައިސާ ބޭނުންކުރި ފަރާތް 113،800 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކުރިމިނަލް ކޯޓުން އެ އަދަބު އިއްވާފައިވަނީ ހއ. މޮޅަދޫ، މިސްރާބުގެ، ހަސަން ނާހިދުގެ މައްޗަށެވެ.
ނާހިދުގެ މައްޗަށް ދައުވާ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ ނާހިދު 2024 ފެބްރުއަރީ 2 ދުވަހުން ފެށިގެން 2024 ފެބްރުއަރީ 13 ދުވަހުގެ ނިޔަލަށް ކ. މާލެ، މ. އާސްމާނުގެ މުހައްމަދު ހަލީމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހުޅުވާފައިވާ އެކައުންޓުން އެކި ފަހަރު މަތިން ހަލީމްއަށް ނޭނގި ހަލީމްގެ ކާފަ ދަރިއެއް ކަމަށްވާ ކ. މާލެ، މ. އާސްމާނުގެ ޔޫސުފް ބިން އަބްދުﷲ (16އ) ވަނީ ނާހިދު އާއި އަދި އޭނާ އެއިރު ކައިވެނިކޮށްގެން އުޅުނު ހއ. ހޯރަފުށި، ގުލްޒާރުގެ، މަރްޔަމް ޝަންމާ ނަމުގައި އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަށް ޖުމްލަ 1.8 މިލިއަން ރުފިޔާ ޖަމާކޮށް އެ ފައިސާއިން އޭނާގެ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައި ކަމަށެވެ.
އެހެންވެ ނާހިދުގެ މައްޗަށް އެހެން މީހެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ ކުރާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ނާހިދު ވަނީ އެ މައްސަލައިގައި ވަކީލަކާ ނުލައި ކުރިއަށްދާން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ދައުވާއަށް ޖަވާބުދާރީވަމުން ބުނެފައިވަނީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާގައިވާ ކަންކަމަށް އިއުތިރާފުވާ ކަމަށެވެ. އަދި އެއީ އެއްވެސް މަޖުބޫރު ކަމެއްނެތި އެއްވެސް ނުފޫޒެއް ނެތި އަމިއްލަ އިހުތިޔާރުގައިވާ އިއުތިރާފެއް ކަމަށެވެ.
ދައުލަތުން ވަނީ އެ މައްސަލައިގައި ދައުލަތާއި ނާހިދުގެ ދެމެދުގައި ހަދައިފައިވާ އިއުތިރާފުގެ އެއްބަސްވުން ޝަރީއަތުން ބަލައިގަތުމަށް އެދިފައެވެ.
އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ވަނީ އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ހަދައިފައިވާ އެއްބަސްވުމެއް ކަމަށް ކަނޑައަޅައިފައެވެ.
އެ މައްސަލައިގެ ރައުޔު އިއްވަމުން ގާޒީ ވިދާޅުވީ ދައުލަތުން ކުރާ ދައުވާއަށް ނާހިދު އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އެ މައްސަލައިގައި ހަދައިފައިވާ އިއުތިރާފުވާ އެއްބަސްވުން ސައްހަ ކަމަށް ޝަރީއަތުން ކަނޑައަޅައިފައިވާތީ މައްސަލައިގެ އަދަބު ކަނޑައަޅަން ޖެހޭނީ އެ އެއްބަސްވުމާ އެއްގޮތަށް ކަމަށް ގާޒީ ވިދާޅުވިއެވެ.
ނާހިދުގެ މައްޗަށް ދައުލަތުންކުރާ އެހެން މީހެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކަމަށް ގާޒީ ވިދާޅުވިއެވެ. ނަމަވެސް އެ ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް 115،400 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް ކަނޑައެޅުމަށް އިއުތިރާފުގެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ނާހިދު ބަންދުގައި އަށް ދުވަސް ހޭދަކޮށްފައިވާތީ އެ މުއްދަތު ޖަލު އަދަބުން އުނިކުރުމުން އޭނާގެ މައްޗަށް ކަނޑައެޅޭނެ ޖޫރިމަނާގެ އަދަބަކީ 113،800 ރުފިޔާ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ ގާޒީ ހުކުމް ކުރެއްވީ ނާހިދު 113،800 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 18 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު