ތައިލެންޑްގެ ބެންކޮކާއި ޗޮންބޫރީގައި މިއަހަރު ނޮވެމްބަރު މަހު ބާއްވަން އޮތް ހަވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓް ގޭމްސް (އައިމެގް) ނުބާއްވަން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން ނިންމާފައިވާ ކަމަށް ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ) އިން އިއުލާނުކޮށްފިއެވެ.
އައިމެގް ތައިލެންޑްގައި ބާއްވަން އެންމެފަހުން ނިންމާފައިވާ ތާރީހަކީ ނޮވެމްބަރު މަހުގެ 21 އިން 30 އަށެވެ. އެ ގޭމްސް ނުބާއްވަން އޯސީއޭއިން ނިންމާފައިވަނީ އެ ކައުންސިލްގެ ބޯޑުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހުއެވެ. އެ ނިންމުން ނިންމާފައިވަނީ ހޯސްޓް ސިޓީ ކޮންޓްރެކްޓް (އެޗްސީސީ) ގައި ބަޔާން ކުރާ ކަންކަން ތައިލެންޑުން ފުރިހަމަ ކޮށްފައި ނުވާތީއެވެ. އަދި އެކަމަށް އިތުރު ވަގުތު ދީގެންވެސް ތައިލެންޑަށް އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން ދީފައިވާ ތާރީހުތަކަށް ނިންމިފައިނުވާކަން އޯސީއޭ އިން ފާހަގަކޮށްފައިވެއެވެ.
އެމްއޯސީގެ ބަޔާނުގައި ބުނެފައިވަނީ ގޭމްސްގެ މުއްދަތު އެހާ ކައިރިވެފައިވަނިކޮށް ކެންސަލް ކުރަން ޖެހުނު ޖެހުމާއެކު ސަޕޯޓަރުންނާއި އެތުލީޓުންނަށް ކުރިމަތިވާނެ މާޔޫސްކަން ގަބޫލުކުރާ ހިނދުވެސް، އޯސީއޭގެ ނިންމުން ބަލައިގަންނާނެ ކަމަށެވެ. އޯސީއޭގެ އެ ނިންމުމަކީ އައިމެގްގެ ފެންވަރާއި ހައިބަތު ހިފަހައްޓަން މުހިއްމު ނިންމުމެއް ކަމަށްވެސް އެމްއޯސީން ފާހަގަކޮށްފައިވެއެވެ.
ތައިލެންޑްގައި 2021 ވަނަ އަހަރު ބާއްވަން ފުރަތަމަ ތާވަލުކުރި އައިމެގް ލަސްކުރަމުން ގޮސް ކެންސަލް ކުރަން ނިންމާފައިވާ އިރު، ދެން އައިމެގް ބާއްވަން ފުރުސަތު ދިނީ ސައުދީ އަރަބިއާގެ ރިޔާދަށެވެ. ރިޔާދުގައި ގޭމްސްގެ ހޯސްޓް ކުރާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ