ހ. ހުދުފިނިފެންމާގޭގެ ފާރެއް ތަޅާލި މައްސަލައިގައި މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ހ. ހުދުފިނިފެންމާގޭގެ ފާރެއް ސިޓީ ކައުންސިލުން ތަޅާލީ އެ ގެއާ އިންވެގެން ހުރި ހުދުފިނިފެންމާގެއާގޭގެ މީހުންނަށް ވަދެ ނުކުމެ ނޫޅެވޭ ގޮތަށް ސިޓީ ކައުންސިލްގެ ހުއްދަ އާއެކު ފާރެއް ނޭރުމުންނެވެ. އެއީ ހުދުފިނިފެންމާގޭގެ އިންފާރު ކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން އޮތީ ބުނެފައެވެ. ނަމަވެސް އެ ފާރު ރޭނުމާއެކު ހުދުފިނިފެންމާގޭގެ ބައެއްގައި ތިބި ބަޔަކު ތާށިވެ، ސިޓީ ކައުންސިލުން ވަނީ ހުދުފިނިފެންމާގޭގެ ފާރެއް ތަޅާލައި އެ މީހުންނަށް ވަދެ ނުކުމެވޭ ގޮތް ހަދައިފައެވެ.

އެ މައްސަލައިގައި ހުދުފިނިފެންމާގޭގެ އެއް ވެރިޔާ ހަސަން ޝާކިރު، މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާކުރީ ހުދުފިނިފެންމާގޭގެ އެތެރޭގައި ތިބި މީހުންނަށް ނުކުމެވޭނެ ގޮތެއް ނެތްކަން އެނގި ތިބެ، ހުދުފިނިފެންމާގެއާގޭގެ މީހުންނަށް ގޯޅީގައި ފާރެއް ރޭނުމުގެ ހުއްދަ ދިނުމަށްފަހު، ހުދުފިނިފެންމާގޭގެ ފާރެއް ތަޅާލަން ކައުންސިލުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ މައްސަލަ ނިމެންދެން، ކުރިން އޮތް ގޮތަށް އެ ތަން ބޭއްވުމުގެ އަމުރަކަށްވެސް ޝާކިރުގެ ފަރާތުން އެދިފައިވެއެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން ހުދުފިނިފެންމާގޭގެ ގޯތީގެ އިރުމަތީގައިވާ އިމާރާތަށް 11 ޖުލައި 2024 ވަނަ ދުވަހުގެ ކުރިން ވަދެ ނުކުމެ އުޅުނު ގޮތަށް ހުދުފިނިފެންމާގެއާ އިންވެގެން ދެކުނަށް އޮތް ގޯޅިއަށް، މަގުން ވަދެ ނުކުމެ އުޅެވޭނެ ގޮތް 18 އޯގަސްޓް 2024 ވަނަ ދުވަހުގެ 14:35 އިން ފެށިގެން 48 ގަޑިއިރު ތެރޭގައި ހަމަޖައްސައިދުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

މީގެ އިތުރުން، ހުދުފިނިފެންމާގޭ ފާރު ތަޅާލުމުގެ ކުރިން އެތަން އޮތް ހާލަތުގައި ބޭއްވުމަށް ފަހު، އެ ތަނުން ކައުންސިލުގެ މުވައްޒަފުން ނުކުތުމަށްވެސް އެ އަމުރުގައި އަންގާފައިވެއެވެ.

އެ އަމުރުގައި ވަނީ، އެ މައްސަލައަށް ގޮތެއް ނިމެންދެން، އެ އިމާރާތާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.