ސިޔާސީ މައިދާނުން އެކަހެރިވެވަޑައިނުގަންނަވާ ކަމަށާއި އެކަހެރި ނުވެސް ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޔާމީން އެހެން ވިދާޅުވެފައި މިވަނީ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ރައްދުދެއްވަމުންނެވެ.
ދާދިފަހުން ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވެފައިވަނީ، ފައިސާ ނޫން އެހެން އެއްޗެއް ނޫން ވީމާ ވެރިކަން ގެއްލި، ސިޔާސީ މައިދާނުން ވެސް ރައީސް ޔާމީން އެކަހެރިވެވަޑައިގެންފައިވާ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅަކު ސަރުކާރުން ނުކުމެވަޑައިގެން އަމިއްލައަށް ޕާޓީއެއް ހައްދަވަން އުޅުއްވައިފިއްޔާ އެއިން ބޭފުޅެއްގެ ފަހަތަށް 1000 މީހުން ވެސް ނާރާނެ ކަމަށެވެ.
"ފައިސަލް އަޑަށް ބާރުލާފައި ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑު މިހުރީ ސިޔާސީ މައިދާނުގައި. އަޅުގަނޑު ސިޔާސީ މައިދާނުން އެކަހެރިވެގެންނެއް ނޫން މިހުރީ. އެކަހެރި ނުވެސް ކުރެވޭނެ. އަޅުގަނޑު މިހުރީ ސިޔާސީ މައިދާނުގައި، އަދި އަޅުގަނޑު މި ދައްކާ ވާހަކައަށް އެބޭފުޅުން ޖަވާބުދެއްވާ މިގޮތަށް. އެއީ ހީފުޅުވާ ގޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މެނިފެސްޓޯގައި ހުރި ހުރިހާ ކަމެއް ރައީސް މުއިއްޒު ކޮށްދެއްވާނެ ކަމަށް ނުވަތަ އެ އުންމީދު އޮތެކޭ ވެސް ދަންނަވާފައި ނުވާނެ ކަމަށާއި ނުކުމެވަޑައިގެންނެވީ ރައީސް ޔާމީންގެ މެނިފެސްޓޯއާއެކު ކަމަށް ދެންނެވީ ވެސް ރައީސް މުއިއްޒު ކަމަށެވެ. އަދި ރައްޔިތުންނަށް ބޮޑެތި ގެއްލުން އުފުލަން ޖެހޭ ގޮތަށް ކަންކަން ކުރީމާ، އެކަންކަން ރައްޔިތުން ހަނދާނުގައި ބަހައްޓާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"ސޯޝަލް ކޮންޓްރެކްޓުގައި އޮންނަ އެއް ކަމަކީ ރައްޔިތުންނާ ސަރުކާރާ ދެމެދު އޮންނަ ކޮންޓްރެކްޓް. ހަމަ އެ ކޮންޓްރެކްޓުގައި އޮންނަ އެއް ބަޔަކީ ސަރުކާރުތައް މިހާރު މި އަންނަނީ ޕާޓީ ނިޒާމުގެ ތެރެއިން. ޕާޓީ ނިޒާމުން މެނިފެސްޓޯއެއް ނެރެ، ކޮށްދޭނެ ކަންތައްތަކާއި މިހުރީއޭ މިހުރި ދާއިރާތަކުން މިހުރި އުސްއަލިތަކާ ހަމައަށް ރައްޔިތުން ގެންގޮސްދޭނަމޭ. އެއީ ސޯޝަލް ކޮންޓްރެކްޓުގެ އެއްބައި. އެ ޕާޓީއަކުން ދެއްކި މެނިފެސްޓޯ އާއި އެ ޕާޓީގެ ތާއީދު އޮވެގެން ބޭފުޅަކު ވެރިކަމަށް ގެންނަނީ ރައްޔިތުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މެނިފެސްޓޯ އެއްލާލާފައި އަމިއްލަ ކަންތައްތަކެއް ކުރުމަކީ ނިޒާމެއް ރަނގަޅަށް ހިނގާ ތަނެއްގައި، ޕާޓީ ނިޒާމު ހިނގާ ތަނެއްގައި ޕާޓީއަކުން ހުއްދަކުރާނެ ކަމެއް ނޫން ކަމަށާއި އެއީ ޕާޓީގެ މެކޭނިޒަމްތަކުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަންކަން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު