ފެން އުފައްދާ ޑިސެލިނޭޝަން ޕްލާންޓެއް ކަނޑު އަޑީގައި ބަހައްޓަން ބޭނުންވާ ދިރާސާއެއް ހެދުމަށް އެމްޑަންލިޔުއެސްސީ އިން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެމްޑަންލިޔުއެސްސީ އިން އެ ދިރާސާ ހެދުމަށް ހަވާލުކުރީ ނޯވޭގެ ކުންފުންޏެއް ކަމަށްވާ ފްލޯޝަންއާ އެވެ.
މިއަދު އެމްޑަބްއެސްސީ ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަބުދުލް މަތީން މުހައްމަދުއެވެ. ފްލޯޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފައުންޑާ އަދި ސީއީއޯ އެލެކްސެންޑްރާ ފްލޯޝަންއެވެ.
އެމްޑަންލިޔުއެސްސީ އިން މިއަދު ބުނީ މި ދިރާސާގައި ކަނޑު އަޑީގައި އާރުއޯ ޑީސެލިނޭޝަން ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ހޯދުމާއި އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން، މިގޮތަށް ފެންއުފެއްދުމާ ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަތީން ވިދާޅުވީ މިއަދު ސޮއި ކުރި އެމްއޯޔޫއަކީ އެމްޑަބްލިޔުއެސްސީ ކުރިއަށް ގެންދަން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އަދި ފްލޯޝަންއާ އެކު ސޮއި ކުރި އެއްބަސްވުމަކީ އެކުންފުނީގެ ބޯޑު މެންބަރުންގެ އިތުރުން ކުންފުނީގެ ލީގަލް ބޭފުޅުންވެސް ބައްލަވާފައި އޭގައި ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ސޮއި ކުރި އެމްއޯޔޫއެއް ކަމަށެވެ.
މަތީން ވިދާޅުވީ އެމްއޯޔޫގައި ސޮއިކުރުމުގެ ކުރިން ބައެއް ދިރާސާތައް ކުރަން އެކުންފުނީގެ ބައެއް މުވައްޒަފުން ބޭރު ގައުމުތަކަށް ދަތުރުކޮށް ގިނަ ދިރާސާކެއް ކުރި ކަމަށެވެ.
"އެހެންވީމަ ރާއްޖޭގައި މިކޮމާޝަލް ލެވެލްއެއްގައި ބޭނުންކުރުމުގެ ކުރިން ނިންމީ ފީސިބިލިޓީ ސްޓަޑީއެއް ހަދަން،" މަތީން ވިދާޅުވިއެވެ.
އެ ދިރާސާގައި އެމްޑަބްލިޔުއެސްސީގެ މައިގަނޑު ދައުރަކަށްވާނީ މިހާރު ލިބެން ހުރި މިކަމާ ގުޅޭ މައުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި، ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖޭގައި މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ދިރާސާގެ ސަބަބުން ގައުމީ ފެންވަރުގައި ރައްކާތެރި ބޯފެން، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދައި ފޯރުކޮށްދެވި، އޭގެ އިޖުތިމާއީ އަދި އިގުތިސޯދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދެވޭނެ ކަމަށާއި އަދި ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށް ވެސް މި ނިޒާމް މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މިކަމަކީ އެއްވެސް ވަރަކަށް އެއްގަމުގައި ނުވަތަ ބިން ބޭނުން ކުރާނެ މަސައްކަތްތެއް ނޫން އެ ޕްރޮޖެކްޓް ގެ މަސައްކަތް ކުރާނީ ކަނޑުގެ އަޑީގައި ކަމަށްވުމުން މޫސުން ތަންނުދިން ނަމަވެސް މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށްވެސް އެލެކްސެންޑްރާ ވިދާޅުވިއެވެ.
"މިނަރަލް ވޯޓާ ސެކިއުރިޓީ މިއީ. މިޓެކްނޮލޮޖީގެ އެންމެ ފުރިހަމަ ކޮމްބިނޭޝަނަކީ ކަނޑުގެ އަޑީގައި ހުންނަ ލައިބިލީ ސާފު ފެނުގެ އިތުރުން 500 މީޓަރު އަޑީގައި ސާފު ފެން އެބަހުރި، އަދި ތާޒާ ފެން ނެގޭނެ ގޮތަށް ޕްރެޝަރައިޒްކޮށް، ޒަމާނުއްސުރެ ބޭނުންކުރަމުން އައި ނިޒާމެއް، ތެޔޮ ވެލި އިންޖެކްޝަނަށް ބޭނުންވާ ފެން ސާފުކުރުމަށް ގޭސް އިންޑަސްޓްރީބޭނުންކުރަމުން މިގެންދަނީ. ކޮންވެންޝަނަލް ޑީސެލިނޭޝަންއާ އަޅާބަލާއިރު، އެނާޖީ ކޮންސަމްޝަން 30 އިންސައްތައާއި 50 އިންސައްތައާއި ދެމެދުގެ ޢަދަދަކަށް ދަށްކުރުން. އަދި ކެމިކަލް ބޭނުންކުރުމުން ދުރުވުން" އެ ޕްރޮޖެކްޓުގެ އިތުރު ތަފްސީލުތައް ހާމަކޮށްދެއްވަމުން އެލެކްސެންޑްރާ ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު