ނިމިދިޔަ ދެ ސީޒަނުގައި ވެސް ލީގުގެ ދެވަނައިގައި ނިންމާލި އާސެނަލުން އާ ސީޒަން ފެށުމަށް ކުޅުނު މެޗުގައި ވުލްވްސް އަތުން މޮޅުވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވުލްވްސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އާސެނަލުން 2004 ވަނަ އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާ އިރު، މިދިޔަ ދެ ސީޒަނުގައި ވެސް އެ ޓީމު އަތުން ތަށި ގެއްލުނީ ހިތްދަތިކޮށެވެ. ސީޒަނުގެ ބޮޑު ބައެއްގައި އާސެނަލް ލީގު ލީޑު ކުރަމުން ދާ ނަމަވެސް، ފަހު ދެ މަހެއް ތެރޭގައި ދެ ފަހަރު ވެސް މެންޗެސްޓާ ސިޓީން ވަނީ ލީގު ހޯދައިފައެވެ. ސިޓީން މި ސީޒަނަށް ނުކުންނާނީ ޖެހިޖެހިގެން ފަސްވަނަ ލީގު ތަށި ހޯދައި ތާރީހު ބަދަލުކުރުމަށެވެ.

މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅުން ފެށިގެން އާސެނަލުން މެޗު ޑޮމިނޭޓް ކުރަމުން ގޮސް، 25 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގިއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސް ކުރުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ އިންގްލެންޑްގެ ވިންގާ ބުކަޔޯ ސަކާއެވެ. ސަކާ ވަނީ ކައުންޓާ އެޓޭކް ފުރުސަތެއްގައި ކައި ހަވާޓްސްއަށް ފަސޭހަ ބޯޅައެއް ކަނޑާލައިފައެވެ. ފުރަތަމަ ގޯލު ޖެހީ ހަވާޓްސްއެވެ.

ފުރަތަމަ ހާފުގައި ވުލްވްސްއާ އަލަށް ގުޅުނު ޖޯގެން ސްޓްރާންޑް ލާސެން ޖެހި ބޯޅަ، އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ މަތަކުރި އިރު، ދެވަނަ ހާފުގައި ވުލްވްސްގެ މަތެއުސް ކޫނިއާ ޖެހި ބޯޅަވެސް މަތަކުރީ ރާޔާއެވެ.

އާސެނަލުން ދެވަނަ ހާފުގައި ވެސް މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ އިރު، އެ ޓީމުގެ ދެވަނަ ގޯލު ޖެހީ ސަކާއެވެ. އެއީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. ސަކާ އެ ގޯލު ޖެހީ އަވަސް ހިލޭ ޖެހުމަކުން ތަނަވަސް ކުރި ފުރުސަތެއްގައި، ބޯޅަ ގޯލު ކަނަށް އަމާޒުކޮށްލައިގެންނެވެ.

މިރޭ ކުޅުނި އިތުރު މެޗުތަކަށް ބަލާއިރު، ކުޅުންތެރިޔަކު މަދުކޮށް މެޗުގެ ބޮޑުބައެއްގައި ކުޅުނު ނިއުކާސަލް އިން ވަނީ 1-0 އިން ސައުތުހެމްޓަން ބަލިކޮށްފައެވެ. އަދި ބްރައިޓަންއިން ވަނީ ރަނގަޅަށް ފަށައި، 3-0 އިން އެވަޓަން ބަލިކޮށްފައެވެ. ނޮޓިންހަމްފޮރެސްޓާއި ބޯންމައުތު ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.