ޓީމުގެ ތަރި ކިލިއަން އެމްބާޕޭއާ ނުލައި ސީޒަނަށް ނުކުމެ ކުޅުނު ފުރަތަމަ މެޗުގައި ޕީއެސްޖީން ރޭ ލެ ހާވިއޭ ބަލިކޮށްފިއެވެ.
ޕީއެސްޖީގެ ސުޕަ ސްޓާރު އެމްބާޕޭ، އަހަރުތަކެއް ވަންދެން އެ ކްލަބު ދޫކޮށްލަން ކުރި މަސައްކަތް ކާމިޔާބުކުރީ މި ހިނގާ ޓްރާންސްފާ ސީޒަނުގައެވެ. އޭނާ ރެއާލް މެޑްރިޑަށް ބަދަލުވެ، އެންމެފަހުން އެ ޓީމުން ކުޅުނު ޔޫއެފާ ސުޕަ ކަޕް މެޗުގައިވެސް އެޓަލާންޓާއާ ދެކޮޅަށް ކުޅެ، ގޯލުވެސް ޖެހިއެވެ.
އެމްބާޕޭއާ ނުލައި ކުޅެން ޓީމުން ދަސްކުރަން ޖެހޭ ކަމަށް ބުނެ، މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ކޯޗު ލުއިސް އެންރީކޭ ވަނީ އޭނާ ބެންޗު ކޮށްގެން މެޗުތައް ކުޅެފައެވެ. އެ މެޗުތަކުގެ ނަތީޖާ މި ސީޒަނުން ފެންނާނެ ކަމަށްވެސް އެންރީކޭ ވަނީ ބުނެފިއެވެ.
އެމްބާޕޭއާ ނުލައި މި ސީޒަނަށް ނުކުމެ، ޕީއެސްޖީން ރޭ ލީގުގައި ކުޅުނު މެޗުގައި ލެ ހާވިއޭ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި ޕީއެސްޖީގެ ލީ ކޭންގް ގޯލު ޖަހައި ލީޑު ނަގައިދިނެވެ.
އެ ގޯލާއެކު ޕީއެސްޖީން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފު ފަށައިގެން ލެ ހާވިއޭގެ ގައުޓިއޭ ލޮރިސް ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެހެން ނަމަވެސް ޕީއެސްޖީން ވަނީ އިތުރު ގޯލުތައް ޖަހައި މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ. ޕީއެސްޖީން ފަހު ހާފުގައި ޖެހި ގޯލުތައް ކާމިޔާބުކުރީ އުސްމާން ޑެމްބެލޭ، ބްރެޑްލޭ ބާކޯލާ އަދި ރަންޑަލް ކޯލޯ މުއާނީއެވެ.
ޕީއެސްޖީން މިދިޔަ ސީޒަނުގައި ޑޮމެސްޓިކް ދެ ތަށި ކާމިޔާބު ކޮށްފައިވެއެވެ. އޭގެ އިތުރުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށްވެސް އެޓީމުން ދަތުރުކުރިއެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ