ދައުރު ހަމަވެފައި އޮތް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގުން، އެ އެސޯސިއޭޝަންގެ މުއައްސިސް، ކުޅިވަރާބެހޭ ގައުމީ މަޖިލިހާ ހަވާލުކޮށްފައިވާ ކަމަށް ސްޕޯޓްސް ކޮމިޝަނަރު، މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތު ގޯހުން ގޯހަށް ގޮސް، ދައުރު ހަމަވެފައިތާ މިހާރު ވަނީ ފަސް މަހަށްވުރެ ގިނަ ވެފައެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 24 ގައެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގައެވެ.
އިންތިހާބެއް ނުބޭއްވި ބެޑްމިންޓަން އެސޯސިއޭޝަން އެ ހާލަތަށް ގޮސްފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ ތެރެއިންނެވެ. އެ އިދާރާ ހިންގަވަން ހުންނެވި ރައީސް، މޫސާ ނާޝިދު (މޫސަ) އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައެއް މާޗު މަހުގެ ތެރޭގައި އޭސީސީން ބަލަން ފަށާފައިވާ އިރު، އެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ އެސޯސިއޭޝަނަށްވެސް ވަދެފައެވެ. އެފަހަރު އޭސީސީން ބުނީ ކޯޓު އަމުރެއްގެ ދަށުން ބީއޭއެމްގެ ރައީސް މޫސައާ ގުޅުންހުރި ބައެއް ތަންތަން ބަލަމުން އަންނަ ކަމަށެވެ.
އެ ހާލަތަށް ކަންކަން ދިއުމުން އަވަސް އަރުވާލައިގެން އިއުލާނުކުރި އެސޯސިއޭޝަނުގެ އިންތިހާބު ފުރަތަމަ މަޑުޖެހުނީ މާޗު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް، އެ އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި އޭސީސީންވެސް ހުއްޓުވިއެވެ.
އެ ހިސާބުން އޭސީސީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބީއޭއެމްގެ އިންތިހާބަށް ނުފޫޒު ފޯރުވަން މޫސަ މަސައްކަތް ކުރި މައްސަލަވެސް ބަލަން ފަށައިފައެވެ. އެގޮތުން އިންތިހާބުގައި ވޯޓުލެވޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި، ކޮރަޕްޝަން ހިންގަން މަސައްކަތްތަކެއް ކުރި ކަމުގެ ޝަކުވާ އޭސީސީއަށް ހުށަހެޅިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އެ މައްސަލަގަނޑުގެ ތެރެއިން މޫސަ މިދިޔަ މަހު ރައީސްކަމުން އިސްތިއުފާ ދެއްވާފައިވެއެވެ. އެހެންނަމަވެސް ކުރިން އޮތް އެކްސްކޯގެ މެމްބަރުން ދިޔައީ އިދާރާ ހިންގެވުމުގައި ހަރަކާތްތެރިވަމުންނެވެ. އެކަން އެ މަގުން ދާން ފެށުމުން ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް ވަނީ ތަކުރާރުކޮށް އިންތިހާބު ބާއްވަން އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އެސޯސިއޭޝަނުން އެކަމަށް އިޖާބަ ނުދެއްވުމުން، ބީޑަބްލިޔުއެފްއާވެސް ތޮލާލް ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި މިއަދު ފިޔަވަޅު އެޅުއްވިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ވަގުތީގޮތުން އެ އެސޯސިއޭޝަންގެ މުއައްސިސް (ކުޅިވަރާބެހޭ ގައުމީ މަޖިލިސް) އާ ހަވާލު ކުރުމަށް ނިންމައި، އެކަން އެ އެސޯސިއޭޝަނަށް މިއަދު ވާނީ އަންގާފަ. އަދި އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަޝްވަރާއާއެކު ވަނީ ފެށިފައި،" ތޮލާލް ވިދާޅުވިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބަކަށް މަސައްކަތް ކުރަމުންދާ އިރު، އެސޯސިއޭޝަނުގެ އަސާސީ ގަވާއިދާއި ވޯޓު ދިނުމުގެ ބާރު އޮންނަ ފަރާތްތަކުގެ ލިސްޓަށް ބަދަލު ގެންނަންވެސް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ވަނީ މީގެ ކުރިން އަންގަވައިފައެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް