ރައީސް އޮފީހުގެ މިނިސްޓަރު، އާދަމް ރަމީޒު މަގާމުން ވަކި ކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ވަން" އަށް މިއަދު ވިދާޅުވީ، ރަމީޒު މަގާމުން ވަކިކުރެއްވީ މިއަދު ކަމަށެވެ.

ރައީސް އޮފީހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ ޖޫން 27، އިން ފެށިގެން ރަމީޒު ހުރީ ސަސްޕެންޝަނުގަ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސާފެއް ނޫނެވެ.

ރަމީޒު މަގާމުން ވަކި ކޮށްފައިފައިވާއިރު، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމެންޓު މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު ފާތިމަތު ޝަމްނާޒު ރައީސް މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި ޝަމްނާޒާއި އޭނާގެ ދެ ކޮއްކޮއަކު ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ހެކި ނެތުމުން ޕީޖީން ވަނީ އެ މީހުންނަށް ދައުވާ ނުކުރަން ނިންމައިފައެވެ.