މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު ވަކި ކުރަން އެ ކައުންސިލުން ފާސްކޮށްފިއެވެ.

މިއަދު މާލޭ ސިޓީ ކައުންސިލުގައި އޮތް ހަތަރުވަނަ ދައުރުގެ 158 ވަނަ ޖަލްސާގައި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ވަކި ކުރުމުގެ މައްސަލަ ހުށަހެޅުއްވީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.

ނަރީޝް ވިދާޅުވީ މީގެ ކުރީ ދައުރުތަކުގައި ހިނގާފައި ހުރި ކަންކަމަކީ ހިނގާފައި ނެތް ކަންތައްތަކެއްގެ ގޮތުގައި ދެއްކުމަށް އެސްޖީ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި އަދި އެކަންކަމުގެ ލިޔެކިޔުން ހޯދުމަށް ރައްޔިތުން އެދުމުން، އެ ލިޔެކިޔުންތައް ނުލިބި، ކައުންސިލަރުން އެތައް ދުވަހަކު މަޑު ކުރަންޖެހިފައިވާ ކަމަށެވެ. ކަންކަން އިސްލާހު ނުވެ، ދިގުލައިގެން ދިޔައިރުވެސް އެސްޖީއަށް ފިޔަވަޅު އަޅާފައިނުވާ ކަމަށާއި މައްސަލަ ހުށަހަޅަން ޖެހުނީ އެހެންވެ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

"މިތަނުގެ އޮނިގަނޑު ރޭވިފައި އޮންނަ ގޮތުން ހުރިހާ އެއްޗެއް އޮޕަރޭޓް ކުރާ މާލީ ޒިންމާދާރުވެރިޔާ ވެސް ފައިސާއާ ގުޅުން ހުރި ހުރިހާ ކަމެއްގައި ވެސް ހުރިހާ ކަމެއް ކުރަން ހުންނަ މީހަކީ ސެކްރެޓަރީ ޖެނެރަލް ކަމަށް ވާއިރު، އެހުރިހާ ހުއްޓުމެއް ހުއްޓެނީ އެހިސާބުގައި ކަމަށްވަންޏާ، އެހިސާބުގައި ހުރި މައްސަލަތައް ހައްލު ކުރަން ފުރުސަތުދީ، އެކަމާ ތަކުރާރުކޮށް ޑިސްކަސްކޮށް، އެކަމަށް ގޮތެއް ހޯދުމަށް އެއްވެސް ގޮތެއް ކައުންސިލަރުންނަށް ނެތީމާ ދެން ކައުންސިލަރުން ނުކުމެ އެ ސުވާލު ކުރަން ފަށާނެ. އަޅުގަނޑުމެން ކައުންސިލަރުންނަކީ ޕެރެލައިޒް ކޮށްފައިވާ ބައެއްގެ ގޮތުގައި ހަދައިފިނަމަ، ކައުންސިލަރުން ނުކުމެ އެކަމަށް ހައްލު ތަކެއް ހޯދާނެ،" ނަރީޝް ވިދާޅުވިއެވެ.

އެސްޖީ ދިފާއު ކުރައްވައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެސްޖީއަކީ އޭނާއަށް ޖަވާބުދާރީވާ ފަރާތެއް ކަމަށާއި އެސްޖީގެ މަސައްކަތްތައް ލަސްވުމުގެ މައްސަލަތަކެއް އުޅޭ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި އެސްޖީގެ މައްސަލައެއް ނޫން ކަމަށާއި އިދާރީ ހިންގުމުގެ ހުންނަ މައްސަލަތަކެއްގެ ސަބަބުން ވެސް ލަސްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އިންޓެގްރިޓީގެ އެއްވެސް މައްސަލައެއް ނެތް. ހަމަ ގައިމުވެސް އިންޓެގްރިޓީ ހައި ބޭފުޅެއް. ހަމަ ވަރަށް ގާބިލު ވަރަށް ރަނގަޅު ބޭފުޅެއް. އަޅުގަނޑުގެ ބޭނުން އެވާހަކަ ދަންނަވާލަން،" އާޒިމް ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ އެސްޖީއަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދޭން ވާނެ ކަމަށާއި އެގޮތުން އަންނަ ހަފުތާގައި ލިޔުމުން ޖަވާބުދެއްވަން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި މިއަދު ވޯޓެއް ނަގާނަމަ، އެ ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެ ވާހަކަތަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވަނީ ރަނގަޅު ކުރަން އެސްޖީއަށް ވަރަށް ގިނަ ފަހަރު ފުރުސަތު ދީފައިވާކަމަށް ވިދާޅުވެ އަޑުގަދަކުރައްވައިފައެވެ.

"އަޅުގަނޑުމެންގެ އެއްވެސް ބާރެއް ނުހިނގައޭ މިތާކު، އަޅުގަނޑުމެންނަކީ ރައްޔިތުން ވޯޓު ލައިގެން މިތަނަށް އައްޔަންކޮށްފައި ތިބި ބައެއް، ހޮވާފައި ތިބި ބައެއް. ދާއިރާގެ ރައްޔިތުން އަންނަނީ އަޅުގަނޑުމެން ގާތަށް،" އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ.

އެސްޖީ މަގާމުން ވަކި ކުރަން ފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އިރު، އެ ވޯޓުގައި ސައިފާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އާއިޝަތު ނާޒިމާ ވަކި ގޮތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

ކައުންސިލުން އެސްޖީގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމުން، އެ މައްސަލަ ބަލައި ގޮތެއް ނިންމަން ޖެހޭނީ ސިވިލް ސާވިސް ކޮމިޝަނަށެވެ. އެސްޖީއަކީ ސިވިލް ސާވިސް ކޮމިޝަނުން އައްޔަނު ކުރާ މަގާމެކެވެ.