ޕާކިސްތާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އާޝިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރައީސް މުއިއްޒު ވަނީ ވަކިވަކިން ތަހުނިޔާ މެސެޖު ފޮނުއްވައިފައެވެ. އެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ގައުމުގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ އެ މެސެޖުގައި ރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި އޮތް އަހުވަންތަ ގުޅުން ފާހަގަކުރައްވައި، އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނި ގޮތުގައި އެ ސިޓީގައި، ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެ ގައުމަށާއި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިވެއެވެ.