ރެއާލް މެޑްރިޑުގައި މިހާރު އޮތް ސްކޮޑުގައި ވަރުގަދަ ސުޕަ ސްޓާރުން ގިނަކަމުން، ފުރަތަމަ 11 އަށް ނެރެންވީ ކޮން ކުޅުންތެރިންނެއްކަމާމެދު ވިސްނަން ޖެހުމުން ޗުއްޓީ ހަރާބު ވެއްޖެ ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ރެއާލުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ވަރުގަދަ ޓްރާންސްފާތަކެއް މިހާތަނަށް ފުރިހަމަ ކޮށްފައިވެއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އެޓީމުން ގެންދިޔަ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއެވެ. މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެމްބާޕޭގެ އިތުރުން ރެއާލުން ކުރިއަށް އޮތް ސީޒަނަށް، ބްރެޒިލްގެ ޒުވާން ހުނަރުވެރިޔާ އެންޑްރިކްވެސް ވަނީ ގެންގޮސްފައެވެ.

އެ ދެކުޅުންތެރިންނާ ނުލައިވެސް މިދިޔަ ސީޒަނުގައި ރެއާލުން ޗެމްޕިއަންސް ލީގާއި ލަ ލީގާވެސް ކާމިޔާބު ކޮށްފައިވާ އިރު، އޭރު އޮތް ސްކޮޑަށް ވަރުގަދަ ދެ ނަން އިތުރުވެގެން ދިޔުމަކީ އެންޗޮލެޓީގެ ނަޒަރުގައި ފުރަތަމަ 11 އެއް ނަގަން އުނދަގޫވި ސަބަބެކެވެ.

"އަހަންނަށް މިހާރު އެބައޮތް ވަރަށް ބޮޑު މައްސަލައެއް. މިދިޔަ ސީޒަން ނިމިގެން މިއަދާ ހަމައަށްވެސް އަހަރެން މިދަނީ ހަމަ ވިސްނަމުން. ވަރަށް ފުންކޮށް ވިސްނަމުން. ކޮން ކުޅުންތެރިންނެއްތޯ ފުރަތަމަ 11 ގައި ހިމަނާނީ. އެކަމާހުރެ އަހަންނަށް ރަނގަޅަށް ޗުއްޓީވެސް ހޭދަކޮށް ނުލެވުނު. އެހެންވިޔަސް ދެން އަހަރެން މި ވިސްނަނީ އެއީ މައްސަލައަކަށް ނުވާނެކަމަށް. 70 މެޗުގައި އެއް ކުޅުންތެރިންތަކަކަށް ނުކުޅެވޭނެ. އެހެންވީމަ މިދިޔަ ސީޒަނެކޭ އެއްގޮތަށް ބެންޗުން ނުކުންނަ ކުޅުންތެރިންގެ ބޭނުންވެސް އެންމެ ރަނގަޅަށް ހިފައިގެން ފުރުސަތު ދެމުންދާނީ،" ސުޕަ ކަޕްގައި އެޓްލާންޓާ ދެކޮޅަށް ނުކުނަން އޮތް މެޗާ ގުޅިގެން ބޭއްވި ޕްރެސްއެއްގައި އެންޗެލޮޓީ ބުންޏެވެ.

ރެއާލުން މި ސީޒަނުގައި ކުޅޭ ފުރަތަމަ ވާދަވެރި މެޗުގައި މިރޭ އެޓަލާންޓާއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗަށްވެސް އެމްބާޕޭ ހުރީ ފިޓްކޮށް ކަމަށް އެންޗެލޮޓޯ ބުންޏެވެ. ޔޫރޯގެ ވަރުބަލިކަން ފިލުވާލަން އެމްބާޕޭއަށް ދިގު ޗުއްޓީއެއް ރެއާލުން ދީފައިވާ އިރު، އޭނާ ސްކޮޑާ ގުޅުނީ އެހެން ބައެއް ކުޅުންތެރިންނަށްވުރެ ފަހުންނެވެ.

ރެއާލުން ޔޫއެފާ ސުޕަ ކަޕް މެޗުގައި އެޓަލާންޓާއާ ދެކޮޅަށް ނުކުންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.