ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން، ފުލުހުންގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ އޮޕަރޭޝަން ލެވެލް ތިނަކަށް ބަދަލުކުރީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

މާލެއަށް މިއަދު ކުރި ވިއްސާރައިގައި ފުލުހުން ވަނީ މާލޭގެ 55 ތަނެއްގައި ވެލި ބަސްތާ ޖެހުމާއި، ފަސް ތަނަކުން ފެން ހިއްކުމާއި، ފެން ހިންދާ ޕަމްޕު ފަސް ތަނެެއްގައި ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ފާހާނާ ޖަންކްޝަނުން ފެން ބޭރުވާތީ ދެ ތަނަކަށް އެހީތެރިވެދިނުމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ އެހީތެރިކަން ދެ ފަރާތަކަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އޭގެ އިތުރުން ހުޅުމާލެ މުހައްމަދު ގާސިމް ޕްރީ ސްކޫލަށް ފެން ވަންނާތީ ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނެއިބަހުޑް އޮފިސަރުން ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ވެސް ކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ވިއްސާރައިގެ ސަބަބުން އަތޮޅުތެރެއަށް ދިމާވާ ކަންކަމުގައި ވެސް ފުލުހުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ހދ. ނެއްލައިދޫ، ކުޅުދުއްފުށި ސިޓީ، ހދ. ނޮޅިވަރަމް، ހދ. ނޮޅިވަރަންފަރު، ހއ. ދިއްދޫ، ހއ. ތުރާކުނު އަދި ހއ. އުލިގަމުގެ ބައެއް ގޭގެއަށް ފެންވަދެފައިވާތީއާއި މަގުތަކުގައި ފެންބޮޑުވެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

އެ ރަށްތަކުގެ އިތުރުން ހއ. އިހަވަންދޫގެ 40 ގެ އާއި ހއ. ކެލާގެ 22 ގޭގެ އިތުރުން ހއ. ބާރަށުގެ 55 ގެއަކަށް ފެނުގެ އަސަރުކޮށްގެން އެހީތެރިކަން ފުލުހުން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ނ. މަނަދޫ އަދި ރ. ވާދޫ ގެއަކަށް ފެން ވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި ބ. މާޅޮހުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ވެސް ކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ދ. ހުޅުދެލި އަދި މ. މުލަކުގައި ފެންބޮޑުވެފައިވާތީ ގޭބިސީތަކާއި ސަރުކާރުގެ އިދާރާތައް ހިމާޔަތްކުރުމުގެ މަސައްކަތަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގެ ހުޅުމީދޫ ގެއަކަށް ފެންވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި ހަމަ އައްޑޫ ސިޓީ ގަމު ގެއެއްގެ ފުރާޅު އެއްލައިލުމާއި ގެއެއްގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓިފައިވާތީ ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.