ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެ، އެ އިދާރާ ގާނޫނީ އިމުން ބޭރުގައި ހިނގަމުންދާތާ މިހާރު ފަސް މަހަށްވުރެ ގިނަ ވެއްޖެއެވެ. ރާއްޖޭގައި މިހާތަނަށް ފެނުނު އެންމެ ކާމިޔާބު އެއް ކުޅިވަރެވެ. ކުޅުންތެރިންގެ ބުރަ މަސައްކަތްތަކެއް ފެނިގެންދާ އެސޯސިއޭޝަނެކެވެ. ރާއްޖެއަށް ރަން ވަނަތަކެއްވެސް ގެނެސް ދީފައިވާ ބެޑްމިންޓަނުގެ ހާލަތު ބޮއްސުންލައިގެން ގޮސް، މުޅި އިދާރާ އޮތީ މިހާރު ފެއިލްވެފައެވެ. ހަގީގަތުގައި މިހާރު އޮތް ހިންގާ ކޮމެޓީން އިދާރާގައި ތިބީ ގާނޫނުން ބޭރުގައެވެ. އެކަމަށް އަވަސް ހައްލެއް ބޭނުންވެ، އެތައް ޝަކުވާއެއް ކުޅުންތެރިންގެ ފަރާތުންވެސް ކުރާތަން ފެނިގެން ދެއެވެ.

މައްސަލައިގެ ފެށުން އައީ އެ އިދާރާ ހިންގަވަން ހުންނެވި ރައީސް، މޫސާ ނާޝިދު (މޫސަ) އާ ހަމައިންނެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައެއް މާޗު މަހުގެ ތެރޭގައި ބަލަން ފެށި ހިސާބަކީ އެ އެސޯސިއޭޝަން ތެރެއިން މިދިޔަ އަހަރުތަކުގައި ހިންގަމުންދިޔަ ގާނޫނީ އިމުން ބޭރުގެ ކަންތައްތައް އާންމުންނާ ހަމައަށް ތިލަވާން ފެށި ހިސާބެވެ. އެ މައްސަލައިގައި އޭސީސީން ވަނީ ބީއޭއެމްގެ އޮފީސް ބަލައި ފާސްކޮށްފައެވެ. އެފަހަރު އޭސީސީން ބުނީ ކޯޓު އަމުރެއްގެ ދަށުން ބީއޭއެމްގެ ރައީސް މޫސައާ ގުޅުންހުރި ބައެއް ތަންތަން ބަލަމުން އަންނަ ކަމަށެވެ.

އެހިސާބުން އެތައް ކަމެއް ނިއުޅެމުން ގޮސް، އަވަސް އަރުވާލައިގެން އިއުލާނުކުރި އެސޯސިއޭޝަނުގެ އިންތިހާބު ފުރަތަމަ މަޑު ޖެހުނީ މާޗު މަހުގެ ތެރޭގައެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 24 ގައެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގައެވެ. އެހެންކަމުން މޫސަގެ ދައުރުން ބޭރަށް ހިންގާ ކޮމިޓީ ދެމިގެންދާތީ، އޭނާ ވަނީ އަވަސް އަވަސްކޮށް، އަލުން ވެރިކަމަށް އަރުއްވަން އިންތިހާބެއް ބާއްވަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް، އެ އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލާއި އޭސީސީންވެސް ހުއްޓުވިއެވެ.

އެހިސާބުން އޭސީސީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބީއޭއެމްގެ އިންތިހާބަށް ނުފޫޒު ފޯރުވަން މޫސަ މަސައްކަތް ކުރި މައްސަލަވެސް ބަލަން ފަށައިފައެވެ. އެގޮތުން އިންތިހާބުގައި ވޯޓުލެވޭ ފަރާތްތަކަށް ނުފޫޒު ފޯރުވައި، ކޮރަޕްޝަން ހިންގަން މަސައްކަތްތަކެއް ކުރި ކަމުގެ ޝަކުވާ އޭސީސީއަށް ހުށަހެޅިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެހިސާބުން މޫސަ ވަނީ "ކޮރަޕްޝަން"އިން މިންޖުވާން މަސައްކަތް ފައްޓަވާފައެވެ. މޫސަ ހައިކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލްއާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވިއެވެ.

ހައިކޯޓަށް މޫސަ ހުށަހެޅެއްވި މައްސަލައިގެ އަޑުއެހުމުގައި އޭނާ ވަނީ ކުށުން ބަރީއަ ވެވޭނެ ގޮތެއް ހޯއްދަވަން ވަކާލާތު ކުރައްވާފައެވެ. އެ މައްސަލައިގައި މޫސަ ވިދާޅުވެފައި ވަނީ އޭނާއާ މެދުގައި ސަރުކާރު މުވައްޒަފެއްގެ ގޮތުގައި މުހާތަބު ނުކުރެވޭނެ ކަމަށާއި އޭނާއަކީ އެއްވެސް އުޖޫރައެއް ސަރުކާރުން ލިބޭ މީހެއް ނޫން ކަމަށެވެ.

މޫސަ އެހެން ވިދާޅުވިއިރު، ބެޑްމިންޓަން އެސޯސިއޭޝަނަކީ ދައުލަތުގެ ސްޕޯޓްސް މިނިސްޓްރީން ބާރު ލިބިދޭ، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބެލުމުގެ ދަށުގައިވާ ބޮޑީއެކެވެ. އެ އެސޯސިއޭޝަނަކީ ދައުލަތުގެ މާލިއްޔަތުން ބޮޑު ހަރަދުވެސް ކުރާ ތަނެކެވެ. އެކަމުގައި ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މޫސައަށް ރައްދުވެސް ދެއްވާފައިވެއެވެ.

"ކުޅިވަރު ޖަމިއްޔާއަށްދޭ ފައިސާ ބޭނުން ގޮތަކަށް ހަރަދުކޮށްފައި، ތިމަންނާއަކީ 'މިނިވަން' މީހެއް ކަމަށާއި، ތިމަންނާއަކީ 'އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ލިބޭ މީހެއް ނޫން ކަމަށް' ބުނެ ދިފާއެއް ނުނެގޭނެ ކަމާއި އެހެން ބުނެގެން ފަރެއް ނުޖެއްސޭނެކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2024/HC-B12/21,22,23 (މޫސާ ނާޝިދު ވ ޕްރޮސިކިއުޓާ ޖެނެރަލް) ގަޒިއްޔާއިން ސާފުވެއެވެ. އެހެން ނޫނަސް، ޖަމިއްޔާ ޖަވާބުދާރީ ކުރުވިފައި، ޖަމިއްޔާ ތަމްސީލުކުރާ ރައީސް ޖަވާބުދާރީ ނުކުރުވޭނެ ކަމަށް ބުނުމަކީ ހެއްވާ ވާހަކައެވެ. ފައިސާ ދިން މީހާ ޖަވާބުދާރީ ކުރުވާފައި، ފައިސާ ލިބުނު މީހާ ޖަވާބުދާރީ ނުކުރުވޭނެ ކަމަކަށް ނުބުނެވޭނެއެވެ." މޫސައަށް އަމާޒުކުރައްވައި ޝަމީމް ވިދާޅުވެފައިވެއެވެ.

ޝަމީމް އިތުރަށް ވިދާޅުވެފައި ވަނީ 'ދައުލަތުގެ މުވައްޒަފުން' ގެ ތެރޭގައި ގާނޫނުން އުފައްދާ އެކިއެކި މުއައްސަސާތަކުގެ މީހުން ހިމެނޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2023/SC-A/15 (ޕްރޮސިކިއުޓާ ޖެނެރަލް ވ. މުހައްމަދު ޝިފާޢު) މައްސަލައިގައި ބުނެފައިވާ ކަމަށެވެ.

ޝަމީމްގެ މައިގަނޑު ވާހަކައަކީ ކުޅިވަރު ޖަމިއްޔާތައް ގާނޫނީ ގޮތުން މިނިވަން ނަމަވެސް، އޭގެ މާނައަކީ ސަރުކާރުން ކުރާ ހަރަދާ އެއްވަރުގެ ބަދަލެއް ނުދޭނަމޭ ބުނުމެއް ނޫން ކަމެވެ. ފައިސާ ދޭނަމަ، އެ ފައިސާއިން ނެރެދޭން ޖެހޭ ނަތީޖާއެއް އޮންނަން ޖެހެއެވެ. އެއީ ހުރިހާ ކުޅިވަރު ޖަމިއްޔާއަކަށްވެސް ހިނގަން ވާނެ އުސޫލުވެސް މެއެވެ.

މޫސަގެ ދިގުލައިގެން ދިޔަ "ބެޑްމިންޓަން އެސޯސިއޭޝަންގެ ޕްރޮކިއުމެންޓް"ގެ ހިޔާނާތްތައް ކަމަށް ބުނެވޭ ހިޔާނާތްތަކުގެ ވާހަކަ، ބެޑްމިންޓަން އެސޯސިއޭޝަންގައި މަސައްކަތް ކުރި ފަރާތަކުން ވަނީ، ރާއްޖޭގެ ކުޅިވަރުގެ ބޮޑެތި އިދާރާތަކަށް ސިޓީއަކުން ފޮނުވާފައެވެ. ސިޓީގައި ހިމަނާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ރައީސް މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސްއަށް ފައިދާވާ ގޮތަށް ބޯޅަ ގަތުންވެސް ހިމެނެއެވެ. އަސްކަނި ސްޕޯޓްސްއިން އެސޯސިއޭޝަނާ ދެމެދު މިދިޔަ އަހަރު އެކަނި ވެސް، 300،000 ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

އޭގެ އިތުރުން މޫސަގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަށް ނަގައި، ކުލި މޫސައަށް ލިބޭ ގޮތަށް އޮންނަ ކަމުގެ ތުހުމަތާއި އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ހިލާފަށް އެސޯސިއޭޝަނުން ހިންގާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮފްރާމް (ވައިޑީޕީ) ކުދިން އަތުން ފީ ނެގުން ވެސް ހިމެނެއެވެ.

އެ މައްސަލަތައް ބޮޑުވެ، މޫސަ ވަނީ މިހާރު އެސޯސިއޭޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައެވެ. އެ އިސްތިއުފާ ހުށަހެޅުއްވީ މިދިޔަ މަހުގެ ތެރޭގައެވެ. އެވެސް ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެގެން ދިޔަ ފަހުންނެވެ. މޫސަ އިސްތިއުފާ ދެއްވި ނަމަވެސް، ބެޑްމިންޓަން އެސޯސިއޭޝަނުގައި އިންތިހާބު ކޮށްފައިވާ އެކްސްކޯ އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ދާދިފަހުން ބީއޭއެމްގެ ހަރަދުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދަން، އައިމަން ލަތީފް (ޕިކޯ) އިންފޮމޭޝަންސް ކޮމިޝަނަރު މެދުވެރިކޮށް، އެދުމުން އެކަން ކުރެވިފައެއް ނުވެއެވެ. އެކަމުގެ ފުރަތަމަ އަޑުއެހުމުގައި ބެޑްމިންޓަން އެސޯސިއޭޝަނުން އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވީ، އެންމެ ފަހުން އޮތް އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ ނައިބު ރައީސް، އަހުމަދު ޝާކިރު މޫސާ އެވެ.

އެ އަޑުއެހުމުގައި ޝާކިރު ފާހަގަކުރެއްވީ ބީބީއޭއެމްގެ ޕްރޮކިއުމެންޓް މައުލޫމާތާއި، އަހަރީ ހަރަދު ރިޕޯޓުތައް ސްޕޯޓްސް ކޮމިޝަނަރަށް ހުށަހަޅުއްވާ ނަމަވެސް، ފަސޭހައިން ދެވޭނެ ގޮތަކަށް މިވަގުތު ނެތް ކަމަށެވެ. އޭނާ ދެއްކެވި އެއް ސަބަބަކީ ސާވާއަށް ދިމާވި މައްސަލައެވެ. ދެން އައިމަން ކުރެން އެސޯސިއޭޝަނުން އެދުނީ ޕްރިންޓް ކުރަން ހަރަދު ދާތީވެ، އެ އިދާރާގެ އޮފީހަށް ގޮސް ފޮޓޯ ކޮޕީ ނަގައި، ފޮޓޯވެސް ނެގުމަށެވެ. ޑިޖިޓަލީ ފައިލް ދޭން ދެކޮޅު ހަދައި، އެސޯސިއޭޝަނުން ބުނީ ކުޑަކުޑަ އޮފީހެއްގައި ގިނަ އަހަރުތަކެއްގެ ފައިލްތައް ބަހައްޓާނެ ޖާގަ ނެތް ކަމަށެވެ.

ސަރުކާރުން ފައިސާ ދޭ އެސޯސިއޭޝަނެއްގެ ހަރަދުބަރަދު ބެލެހެއްޓުން އެހާ ދަށު ދަރަޖައަކަށް ދިއުން އެއީ ކަންބޮޑުވާން ޖެހުނު ކަމެކެވެ. ހާއްސަކޮށް، އާދައިގެ ކަންމަތީ ފިހާރައެއް ނުވަތަ، ރަށްރަށުގައި ހިންގާ ކްލަބު ޖަމިއްޔާތަކާ އެއްވަރަށްވެސް ބޮޑު އެސޯސިއޭޝަނެއްގެ ހިސާބު ބެލެހެއްޓިފައި ނުވާ ކަމަށް ފާހަގަވިއެވެ.

ބީއޭއެމްގެ އިންތިހާބަށް އޮތް އެންމެ ބޮޑު ހުރަހަކީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ލިސްޓެވެ. އެންމެފަހުން ބާއްވަން އުޅުނު އިންތިހާބަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ވޯޓު ލެވޭ ފަރާތްތައްވެސް އާންމުކޮށްފައެވެ. އެގޮތުން އެސޯސިއޭޓް މެންބަރު ކްލަބުތަކުގެ ގޮތުގައި ވޯޓު ލެވޭނެ ކަމަށް ބުނެފައި ވަނީ ކްލަބު ސްޓެޓިކާއި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑެމީއަށެވެ.

ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކުގެ ތެރެއިން ދެ ފަރާތަކަށް ވޯޓުލާން ފުރުސަތު ދީފައިވެއެވެ. އެއީ ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އާއި އައްޑޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީއަށެވެ. ބީޑީސީތަކުގެ މެންބަރުންގެ އަދަދު މީގެ ކުރިން ސިއްރުން ގެންގުޅުން އެއީ އެންމެ ބޮޑު އެއް މައްސަލައެވެ. ބީޑީސީތަކަކީ ވޯޓު ކޮންޓްރޯލުކުރަން ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ޝަކުވާ އުފުލައިފައެވެ. ހާއްސަކޮށް މިހާރުގެ ރައީސް މޫސަ، ރައީސް ކަމަށް އަންނަން ބޭނުންކުރާ ވަސީލަތަކަށް ބީޑީސީތައް ހަދާފައި އޮންނަ ކަމަށްވެސް ޝަކުވާތައް އުފުލާފައިވެއެވެ.

އެކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް، ބާއްވަން މަސައްކަތް ކުރި އިންތިހާބުގެ ކުރީން ކުރި އިއުލާނުގައި ބީޑީސީތަކުގެ މެމންބަރުންގެ އަދަދު ހާމަކޮށްފައިވެއެވެ. އެގޮތުން ނ. ހޮޅުދޫ ބީޑީސީގެ މެންބަރުންގެ އަދަދަކީ 109 ކަމަށް ބުނެފައިވާ އިރު، އައްޑޫ ބީޑީސީގެ މެންބަރުންގެ އަދަދެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 118 އެވެ. އޭގެ އިތުރުން އާންމު މެންބަރުންގެ ތެރެއިން 80 މެންބަރަކަށް ވޯޓު ލެވޭ އިރު، އެސޯސިއޭޝަނުން ބުނެފައިވަނީ އެ މެންބަރުންނަކީ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ ނިޔަލަށް، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް މެމްބާޝިޕް ފީ ދައްކާފައިވާ އަމިއްލަ މެންބަރުން ކަމަށެވެ.

ކޮންމެއަކަސް އަސާސީ ގަވާއިދަށް ބަދަލު ގެންނަން ޖެހޭ އެއް ކަމަކީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންނެވެ. އެކަމަށް ބަދަލު ގެންނަން ސްޕޯޓްސް ކޮމިޝަނަރުވެސް އަންގަވާފައިވެއެވެ. އެހެންނަމަވެސް، އެކަމަށް އެއްވެސް ފަރުވާލެއް ބީބީއޭއެމްގެ އަދި ނެތެވެ. އެކަން އެހެން ދިގުލައިގެން ދިއުމާއެކު، އަދިވެސް އޮތީ އިންތިހާބެއް ނުބޭއްވިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ މައްސަލަ އޭސީސީން ބަލައި، ރައީސެއްގެ ކޮރަޕްޝަން މައްސަލަތައް އިންތިހާއަށް ގޮސްފައި އޮތް މިހާލަތުގައި އެ އެސޯސިއޭޝަނުގައި އޮތީ މުއްދަތު ހަމަވެފައިވާ ހިންގާ ބޯޑެކެވެ. އެ މައްސަލަ ވަގުތުން ވަގުތަށް ހައްލު ކުރުމަށް ސްޕޯޓްސް ކޮމިޝަނަރު ވަނީ ދެފަހަރަށް އިންތިހާބު ބާއްވަން އަންގަވައިފައެވެ. ފުރަތަމަ ފަހަރު އެންގެވީ އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށްފަހު އިންތިހާބު ބޭއްވުމަށެވެ. އަދި ފަހުން އެންގެވީ ވަގުތުން ވަގުތަށް އިންތިހާބު ބާއްވާށެވެ. އެހެންނަމަވެސް، އެއީ ބީޑީސީތަކަށް ދެވޭ ވޯޓަށް ބަދަލު ގެނެސްގެން އިންތިހާބު ބާއްވަން އެންގެވި އެންގެވުމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ ތެރެއިން އެއްވެސް ސިޓީއަކަށް ޖަވާބުދާރީ ނުވެ، ބެޑްމިންޓަން އެސޯސިއޭޝަން ދަނީ ބެލެނިވެރި ފަރާތަށްވެސް ގޮންޖަހަމުންނެވެ.

"ވަން ސްޕޯޓްސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޕޯޓްސް ކޮމިޝަނަރު އަންނަނީ އެސޯސިއޭޝަނަށް އަޅާނެ ފިޔަވަޅަކާމެދު، ވަރަށް ގާތުން ދުނިޔޭގެ މައި ޖަމިއްޔާ ބީޑަބްލިޔުއެފްގެ އިތުރުން އޮލިމްޕިކްސް ކޮމިޓީއާވެސް މަޝްވަރާ ކުރައްވަމުންނެވެ. މި ހަފުތާ ނިމުމުގެ ކުރިން އެސޯސިއޭޝަނަށް އަޅަން ޖެހޭ ފިޔަވަޅު އަޅައި، މައްސަލަ ހައްލުކުރަން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަވަހަށް ހައްލު އަންނަން ޖެހޭ މަސައްކަތެއްކަން ޔަގީނެވެ.

އެސޯސިއޭޝަނުގެ ކަންކަން ބޮއްސުންލައިގެން ގޮސް، އޮލިމްޕިކްސްއަށް ދިޔަ ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ (ނަބާ)، އޮލިމްޕިކްސް ކުރިއަށް ތަމްރީނުތަކަކަށް ދެކުނު ކޮރެއާއަށް ދާން މަސައްކަތްކުރި ކުރުންވެސް ވަނީ ފެއިލްވެފައެވެ. ނަބާހާ މިފަހަރު އޮލިމްޕިކްސްގެ ކުރީން ރަނގަޅު ފެންވަރުގެ ތަމްރީނުތަކެއް ހެދުމަށް ދެކުނު ކޮރެއާއިން ފުރުސަތު ހޯދީ ގައުމީ ބެޑްމިންޓަން ޓީމުގައި ހުރި ދެކުނު ކޮރެއާގެ ކޯޗާ މަޝްވަރާ ކުރުމަށްފަހުއެވެ. ކޯޗު ނަބާހާއަށް ފުރުސަތު ހޯދައިދިނީވެސް ކޮރެއާގެ އެންމެ ވަރުގަދަ ބެޑްމިންޓަން ޔުނިވަސިޓީތަކުންނެވެ. އެގޮތުން ތިން ޔުނިވާސިޓީއަކުން ހޯދައިދިން ފުރުސަތާއެކު ނަބާހާ ވަނީ ކޮރެއާއަށް ތަމްރީނުތަކަށް ދިޔުމަށް ހަރަދު ހަމަޖެއްސުމަށް ސްޕޯޓްސް މިނިސްޓްރީއާއި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީއާއެކު މަސައްކަތްކޮށް، އެކަން ކާމިޔާބުވެސް ކޮށްފައެވެ. އެހެން ނަމަވެސް ބީބީއޭއެމްއިން ނަބާއަށް ވިސާ ހަމަނުޖައްސައި އޮތްކަން އެނގުނީ ފުރަން އޮތް ރޭގައެވެ.

އޭގެ އިތުރުން ރާއްޖޭގައި މިއަހަރު ބާއްވަން އޮތް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2024ވެސް އެސޯސިއޭޝަނުން އެދިގެން މިހާރު ވަނީ ކެންސަލް ކޮށްފައެވެ. އެއީ އެތައް ކުޅުންތެރިންނަކަށް ލިބުނު ފުރުސަތެއް ގެއްލުމެވެ. އެހެންކަމުން ޔަގީނުންވެސް މިއަދުން މިއަދަށްވެސް އެސޯސިއޭޝަނަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅައި، އެސޯސިއޭޝަނަށް ހައްލު ހޯދަން ޖެހެއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދުގައި ހިމެނިފައިވާ ބައެއް މާއްދާތަކުގެ ސަބަބުން އެތައް ގެއްލުމަކަށް ކުޅުންތެރިން ހުށަހެޅޭއިރު، ދާދިފަހުންވެސް ގިނަ އެސޯސިއޭޝަންތަކެއްގެ ހިންގާ ގަވާއިދު އިސްލާހުކުރަން އަންގަން ޖެހިފައިވެއެވެ. އެހެންކަމުން އެކަންކަން ރަނގަޅަށް މުރާޖާ ކުރެވި، ކޮމިޝަނަރު ގާނޫނީ ގޮތުން އެސޯސިއޭޝަންތަކަށް ނަޒަރު ހިންގާ ހިންގުން އިތުރުކުރަން މިހާރު މިއޮތީ ޖެހިފައެވެ.