މިމަހު 15 އަށް ހަމަވާގޮތަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ މުއްދަތު މިމަހުގެ 26 ވަނަދުވަހާއި ހަމައަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައި ވާގޮތުގެމަތިން މަޖިލީހުގެ މިދައުރުގައި އެންމެ ފަހު ދުވަހަކީ 15 އޯގަސްޓްވާ ބުރާސްފަތި ދުވަސް ކަމަށެވެ.

ނަމަވެސް މިވަގުތު މަޖިލީހުގައި ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ މިދައުރު މިމަހުގެ 26 ވަނަ ދުވަހަށް އިތުރު ކުރަން ގަސްތު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މަޖިލިސް ރައީސް ވިދާޅުވީ އެކަމާބެހޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށެވެ.

އެ ވޯޓުގައި މިމަހު 26 ވާ ހޯމަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ މިހިނގާ ދައުރު އިތުރުކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން ވޯޓުދިން 80 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގައި ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރި ކަމަށް މަޖިލިސް ރައީސް ވިދާޅުވާ އިރު، އޭގެ ތެރެއިން އެންމެ މުހިއްމު މަސައްކަތަކީ، ރާއްޖޭގެ ވަޒީފާތަކަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނީ 100،000 އާއި ހަމައަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓް އުވާލުމަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް ނިންމުމެވެ.

މިއަދުގެ ނިޔަލަށް އެ މަސައްކަތް ނިންމަން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން މިމަހުގެ 26 އާއި ހަމައަށް އެބިލް މަޖިލީހުން ފާސްކުރާނެއެވެ. އޭގެ އިތުރުން ސަރުކާރަށް އާމްދަނީ ލިބޭނެ މުހިއްމު ބިލުތަކެއްގެ މަސައްކަތްވެސް މަޖިލީހުގެ ތަޅުމުގައި ކުރިއަށް އެބަ ދެއެވެ.