"ބިންވެރިޔާ ސްކީމް"ގެ ދަށުން ބިން ލިބުން މީހަކު މަރުވެފައިވާ ނަމަ ވާރިސުންނަށް ރަޖިސްޓްރީކޮށްދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިންގް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ބިންވެރިޔާ ސްކީމް"ގެ ދަށުން ބިން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހުށަހެޅި މީހާ ނުވަތަ ހުށަހެޅި މީހާ ނިޔާވެފައިވާ ނަމަ ކޯޓުން ވާރިސުން ސާބިތުކުރުމަށްފަހު ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓާއެކު އެ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަކަށް އެދުމުން އެގްރިމެންޓުގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމުލަ 1،408 ގޯތި ދޫކުރުމަށް ހަމަޖައްސާފައިވެއެވެ. ނަމަވެސް މިދިޔަ އަހަރު ދޫކޮށްފައިވަނީ 465 ގޯތި ކަމަށާއި މި އަހަރު 159 ގޯތި ދޫކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރިއިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހަކު އެބަތިއްބެވެ.
ޚަބަރު
ޚަބަރު
ޚަބަރު