ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖެއަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވެފައި ވާތީ، ދަތުފަތުރު ކުރުމުގައި ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް (އެންޑީއެމްއޭ) އިލްތިމާސްކޮށްފިއެވެ.

އެންޑީއޭއިން މިއަދު ބުނީ ކުރިޔަށް އޮތް ފަސް ދުވަހުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއި ގުގުރުމާއެކު ގަޑިއަކު ގާތްގަނޑަކަށް 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.

ކަނޑުތައް ގަދަވާނެތީ ދަތުރުފަތުރު ކުރުމުގައި މޫސުމަށް ބެލުމަށް ފަހު ނޫނީ ދަތުރު ނުކުރުމަށް ބެސް އެންޑީއެމްއޭ އިން އިލްތިމާސްކުރެއެވެ.

ވިއްސާރައިގެ ބައެއް ރަށަރަށަށް އުދަވެސް އަރަމުންދާއިރު، މެދުނުކެނޑި ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ބައެއް ރަށްރަށުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ރަށު ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށްވެސް ފެން ވަދެފައިވާއިރު، މޫދަށް ކޯރު ކަނޑައިގެން ރަށުތެރެއިން ފެން ބޭރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މާލެއަށްވެސް މެދުނުކެނޑި ވާރޭ ވެހެމުންދާތީ، ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. މަގުތަކުން ފެން ހިންދުމަށް ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މާލޭ ސަރަހައްދަށް މި ވަގުތު ވައިވެސް އާދަޔާ ޚިލާފަށް ގަދަވެފައިވާތީ، މަގުތަކުގައި ސައިކަލު އަދި ބައިސްކަލް ދުއްވާ ފަރާތްތަކުން ވެސް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ. ވަކީން ހާއްސަކޮށް ބުރިޖު ހުރަސްކުރާއިރު ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލައިލައިފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިއާލައި، ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލައިނުލާ ފަދަ ގޮތަކަށް ހައްޔަރުކުރުން
  • ގަދަވައިގެ ސަބަބުން އެއްލައިލައިފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
  • ބޭނުން ނުކުރާ ނަމަ ކަރަންޓު ތަކެތި ނިއްވާލާފައި ބެހެއްޓުން
  • ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން އަދި ދަރުތަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން
  • ދަނޑުވެރިކަން ކުރާ ފަރާތްތަކުން ދަނޑުތަކުގައި ފެންބޮޑުވެ ގަސްގަހާގެއްސަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލައި ފިޔަވަޅުއެޅުން
  • ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން
  • ގޭ ކުރިމަތީ ވެލިބަސްތާފަދަ ތަކެތި ޖެއްސުން
  • ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުން ވާނެ މުދާ ފެން ނުޖެހޭފަދަ އުސްތަންތަނަށް ބަދަލުކުރުން
  • އުސްތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާތަނަކަށް ބަދަލުކުރުން
  • ބަނދަރުގައި އަޅާފައިވާ އޮޑި ދޯނިފަހަރުގެ ވާ ކަނޑައިގެން ނުދާނެ ފަދަ ގޮތަަކަށް އެއްސުން
  • މާލެއާއި ހުޅުމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން، ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑީގައި ދަތުރުކުރުމުގައި އިތުރަށް ސަމާލުވުން
  • ކުރިމަތިވެދާނެ އާންމު ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް، އުދައާއެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުމަށް ސަމަލުވުން