ވެސްޓް ހަމްއަށް ކުޅެމުން އަންނަ ކާޓް ޒޫމާ މެޑިކަލްއިން ފެއިލިވެ، ޔޫއޭއީގެ ޑުބާއީއަށް ނިސްބަތްވާ ޝަބާބް އަލް އަހްލީއަށް ބަދަލު ނުވެވި ޓްރާންސްފާ ފެއިލް ވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ޒޫމާ، ޓްރާންސްފާގެ ކަންކަން ނިންމަން ޑުބާއީއަށް ދިޔަ ނަމަވެސް، އިއްޔެ ހެދި މެޑިކަލްއިން އޭނާ ވަނީ ފެއިލިވެފައެވެ. ޓްރާންސްފާ އެހިސާބުން ހުއްޓުމަކަށް އައި ނަމަވެސް، ޒޫމާގެ އެޑްވައިޒަރާއި އެޖެންޓް މެދުވެރިވެ، ޓްރާންސްފާ އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް މިހާރު އަންނަނީ ބަލަމުންނެވެ.

ޒޫމާ ޑުބާއީއަށް ދާން މަސައްކަތް ކުރީ މުސާރަ ބޮޑު ޓްރާންސްފާއެއްގައެވެ. އޭނާގެ ޓްރާންސްފާ ފީއާއި މުސާރަ އަދި ހާމަކޮށްފައި ނުވާއިރު، ޒޫމާ ނެތްތަން ފޫބައްދަން ވެސްޓް ހަމްއިން މިހާރު ވަނީ އިތުރު ދެ ޑިފެންޑަރުން ގެންދަން ނިންމައިފައެވެ. އޭގެ ތެރެއިން ނީސްއިން ލޯނެއްގައި އުމުރުން 24 އަހަރުގެ ޖޯން-ކްލެއާ ޓޮބިޑޯ ގެންދިޔައީ ވެސްޓް ހަމްއިން ބޭނުންނަމަ ސީޒަން ނިންމައި އޭނާ ގަނެވޭނެ ގޮތަށެވެ. އެއީ 34.22 މިލިއަން ޕައުންޑްގެ އަގަކަށެވެ.

އޭގެ އިތުރުން ވެސްޓް ހަމްއިން މިހާރު ވަނީ ވުލްވްސްއަށްވެސް 40 މިލިއަން ޕައުންޑް ދައްކާފައެވެ. އެއީ ސެންޓަ ބެކް، މެކްސް ކިލްމަން ގެންދާށެވެ.

ޒޫމާ ވެސްޓް ހަމްއަށް 103 މެޗު ކުޅެދީފައިވާ އިރު، އޭނާގެ އެއްބަސްވުމުގައި އަދި ބާކީ އަހަރެއް އެބައޮތެވެ. ޒޫމާ ވެސްޓް ހަމްއަށް ގެންގޮސްފައި ވަނީ ޗެލްސީންނެވެ. އެއީ 2021 ވަނަ އަހަރު 29 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ކޮންފަރެންސް ލީގު ފައިނަލް މެޗުގައި ފިއޮރެންޓީނާއާ ދެކޮޅަށް ޒޫމާ ފުރަތަމަ 11 އަށް ނުކުމެފައިވެއެވެ.

ޒޫމާ ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު ދެފަހަރަށް ހޯދައި، ޗެމްޕިއަންސް ލީގުވެސް އެ ކްލަބާއެކު ކާމިޔާބު ކޮށްފައެވެ. ޒޫމާއަކީ މިހާރު ވެސްޓް ހަމްގެ ކެޕްޓަނެވެ.