ހޮލީވުޑްގެ ސުޕަ ސްޓާރު، ޓޮމް ކްރޫސްގެ ހާއްސަ އެޕިއަރެންސަކާއެކު ޕެރިސް އޮލިމްޕިކްސް 2024 ރަސްމީކޮށް ނިންމާލައި، ދެން އޮލިމްޕިކްސް ބާއްވަން ތައްޔާރުވެފައިވާ ގައުމު، އެމެރިކާއާ ރަސްމީކޮށް އޮލިމްޕިކްސް ދިދަ ހަވާލުކޮށްފިއެވެ.

ޕެރިސް އޮލިމްޕިކްސް ނިންމަން ރޭ ކުލަގަދަ އިވެންޓެއް ބާއްވާފައިވާ އިރު، އޮލިމްޕިކްސްގެ އެންމެ ކާމިޔާބު އެއް ގައުމަކީވެސް އެމެރިކާއެވެ. އެ ގައުމުން ވަނީ 40 ރަން މެޑަލްއާއި 44 ރިހި މެޑަލް އަދި 42 ލޯ މެޑަލް ހޯދައިފައެވެ. އެމެރިކާގެ ޖުމުލަ މެޑަލް ޓެލީއަކީ 126 އެކެވެ. ޗައިނާއިންވެސް އެމެރިކާ އެކޭ އެއް އަދަދަކަށް ރަން މެޑަލް ހޯދިއެވެ. ޗައިނާ އިން 27 ރިހި މެޑަލްއާއި 24 ލޯ މެޑަލް ހޯދައި، ޖުމުލަ 91 މެޑަލް ހޯދާފައިވެއެވެ.

ރޭގެ ނިންމުމުގެ ރަސްމިއްޔާތުގައި އެންމެ ހާއްސަ ކަމަކަށްވީ މިޝަން އިމްޕޮސިބަލްގެ ސުޕަ ސްޓާރު، އެ ފިލްމްގެ ސްޓައިލަށް މަތިން ވަލެއް ޖަހައިގެން ފައިބާ އޮލިމްޕިކްސް ދިދައާ އެމެރިކާގެ ލޮސް އެންޖަލަސްގެ ފަރާތުން ހަވާލުވުމެވެ. ދެން 2028 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ހޯސްޓަކީ އެމެރިކާގެ ލޮސް އެންޖަލަސްއެވެ. އޭގެ އިތުރުން ހާއްސަ ސައިކަލުގައިވެސް އޭނާ ރޭގެ އިވެންޓްގައި ފެނިގެންދިޔައެވެ.

އިވެންޓްގެ ތެރެއިން ކުރިން ރެކޯޑު ކޮށްފައިވާ ވީޑިއޯއެއްގައި ޓޮމް ކްރޫސް ޕެރިހުން އޮލިމްޕިކްސް ދިދަ އާއެކު އެމެރިކާއަށް ގޮސް، ހޮލީވުޑްގެ މައި ސިޓީގައި ޖަހާފައި ހުންނަ ތާރީހީ ހޮލީވުޑް މޮނިއުމަންޓް، އޮލިމްޕިކްސްގެ ލޯގޯ ފަރުމާއާ އެއްގޮތަށް ބަދަލުކޮށްލާ މަންޒަރު ދައްކުވައިދީފައިވެއެވެ. ޓޮމް ކުރޫސް ދިދައާ ހަވާލުވީ އެމެރިކާގެ ޖިމްނާސްޓިކް ސުޕަ ސްޓާ ސިމޯން ބައިލްސް އަތުންނެވެ.

ރޭގެ އޮލިމްޕިކްސްގެ ނިންމުމުގެ އިވެންޓްގައި "ހާ" ހުށަހެޅުމެއްގެ ތެރެއިން ބިލީ އައިލިޝްއާއި ސްނޫޕް ޑޯގް އަދި ޑޮކްޓާ ޑްރޭގެ ހުށަހެޅުންތައްވެސް ފެނިގެން ގޮސްފައިވެއެވެ.

ރޭގެ އިވެންޓުގައި އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީގެ ރައީސް ތޯމަސް ބަކް ވަނީ ޕެރިހަށް ޝުކުރު އަދާކޮށް، ހުރިހާ އެތުލީޓުންނަށްވެސް ޝުކުރު އަދާކޮށްފައެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ބައިބައިވުންތައް އޮތް މާހައުލެއްގައި އޮލިމްޕިކް ވިލެޖު ތެރޭގައި އެއް ގައުމަކުން އަނެއް ގައުމަކަށް އިހުތިރާމްކޮށް، މިސާލު ދައްކާފައިވާ ކަމަށެވެ. އޭގެ ސަބަބުން އެތައް ބިލިއަން މީހުންނަކަށް އުންމީދު އާވެ، އެތައް ބަޔަކަށް ތަފާތު ހިޔާލެއް ގެނެސްދީފައިވާ ކަމަށެވެ.