ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވުމަށް، "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" މިއަދު އިފުތިތާހުކޮށްފިއެވެ.

އެ ކޮމިޓީ އިފުތިތާހު ކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެ ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވައިފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ "ދިވެހި ޒުވާނުންގެ ގާއުމީ ލަފާދޭ ކޮމިޓީ"ގެ މަގުސަދަކީ ސަރުކާރުގެ މެނިފެސްޓޯއާއި މުހިންމު ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޒުވާނުންގެ ހިޔާލާ މަޝްވަރާ ހޯދުން ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭ ގޮތުން ރައީސްއަށް ލަފާ އެރުވުމާއި ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްގެން ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ހައްލު ހޯދުމަކީވެސް އެ ކޮމިޓީގެ މަގުސަދެއް ކަމަށް ބުންޏެވެ.

ފަނަރަ މެންބަރުންގެ މައްޗަށް ހިމެނޭ ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލީ 18 ޖަނަވަރީ 2024 ގައެވެ. އެ ކޮމިޓީގައި ބައިވެރިވުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ރިޔާސީ ދައުރެއްގައި ދެ ފަހަރު އެ ކޮމިޓީގެ ބޯޑު އެކުލަވާލާނެއެވެ. އަދި އެ ކޮމިޓީގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ ޔޫތް މިނިސްޓްރީންނެވެ.