އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ ރައީސް ތޯމަސް ބަކް، މިހާރު ފުރުއްވަމުން ގެންދަވާ ދައުރަށްފަހު، އިތުރު ދައުރަކަށް ވާދަނުކުރައްވަން ނިންމަވައިފިއެވެ.
ޖަރުމަނުގެ ލޯޔަރެއް ކަމަށްވާ ބަކް އެންމެ ފުރަތަމަ އައިއޯސީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ 2013 ވަނަ އަހަރުއެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ ދެވަނަ ދައުރެވެ. އޭނާގެ ދެވަނަ ދައުރު ހަމަވާނީ އަންނަ އަހަރަށެވެ.
ބަކް އިތުރު ދައުރަކަށް އައިއޯސީ ރައީސް ކަމުގައި މަޑުކުރައްވާނަމަ، އޮލިމްޕިކް ޗާޓަރަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. އެއީ މިހާރު އޮންނަ ގޮތުން އެއް ރައީސަކަށް އެންމެ ގިނަވެގެން ފުރޭނީ ދެ ދައުރެވެ. އެއީ ޖުމުލަ 12 އަހަރުގެ މުއްދަތެކެވެ. އެއީ ފުރަތަމަ ދައުރުގެ 8 އަހަރުގެ މުއްދަތެއްގެ އިތުރުން ދެވަނަ ދައުރުގެ ހަތަރު އަހަރުގެ މުއްދަތެކެވެ. އެއަށްފަހު ދެން އިތުރު ދައުރަކަށް ވާދައެއް ނުކުރެވޭނެއެވެ. ޗާޓަރަށް އެ ބަދަލު ގެންނަވަން އުސޫލު ޑްރާފްޓް ކުރެއްވުމުގައި ބަކް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވިވެސް މެއެވެ.
ބަކް އިތުރު ދައުރަކަށް ވާދަނުކުރައްވާނެ ކަމަށް އިއުލާނުކުރެއްވީ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިންނެވެ. ހަބަރުތައް ބުނެފައި ވަނީ އެކަން އޭނާ އިއުލާނުކުރެއްވުމާއެކު މެންބަރުންނަށް ހައިރާންކަން ގެނުވާފައިވާ ކަމަށެވެ.
"ބާރަ އަހަރަށްފަހު އަހަރެން ގަބޫލުކުރަނީ އައިއޯސީ ރައީސްކަމަށް އާ މޫނެއް އަންނަން ޖެހޭ ކަމަށް. މިއީ ލީޑަޝިޕަށް ބަދަލު އަންނަން ޖެހޭ ވަގުތު. މިވަގުތު އާ ލީޑަރުންނަށް ފުރުސަތު ދޭން އަހަރެން އިތުރު ދައުރަކަށް މަޑުނުކުރަން ނިންމައިފިން،" ބަކް ވިދާޅުވެފައިވެއެވެ.
އައިއޯސީގެ އާ ރައީސް ކަމަށް ބޭފުޅަކު ހޮވުން އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގައެވެ. އެ ސެޝަން އޮންނާނީ ތާރީހީ އޮލިމްޕިއާގައެވެ. އަލަށް ހޮވޭ ރައީސް މަގާމާ ހަވާލުވެވަޑައިގަންނަވާނީ ޖޫން މަހުގެ ތެރޭގައެވެ.
ބަކަކީ 1976 ވަނަ އަހަރު އޮލިމްޕިކްސް ފެންސިންއިން ރަން މެޑަލް ހޯދި އެތުލީޓެކެވެ. އޭނާ ވަނީ 1991 ވަނަ އަހަރުން ފެށިގެން އޮލިމްޕިކް ކޮމެޓީގެ މެންބަރުކަން ފުރުއްވަން ފައްޓަވާފައެވެ. ބަކް ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން އެ މަގާމުގައި ހުންނެވީ ޖާގޭސް ރޯގޭ އެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް