ފަހު 200 ވަރަކަށް މީޓަރުގައި ބާރު ދުވެލީގައި ދުވެ، ނެދަލޭންޑްސްގެ ދިގު ދުވުންތެރިޔާ ސިފާން ހަސަން އޮލިމްޕިކްސް ރެކޯޑު ވަގުތެއްގައި އަންހެން މެރަތަން ނިންމައިފިއެވެ.

އުމުރުން 31 އަހަރުގެ ސިފާން އޮލިމްޕިކްސް އަންހެން ރަން މެޑަލް ހޯދީ، އޮލިމްޕިކް ރެކޯޑު ދެ ގަޑިއިރާއި 22 މިނެޓް، 55 ސިކުންތުން މެރަތަން ނިންމައިގެންނެވެ. އެއީ ދެވަނައަށް ދިޔަ އިތިއޯޕިއާގެ ޓިސްޓް އަސޭފާއަށްވުރެ ތިން ސިކުންތު އަވަސް ޓައިމިންއެކެވެ.

ސިފާން އޮލިމްޕިކްސް މެރަތަން ރަން މެޑަލް ހޯދާފައި ވަނީ 10،000 މީޓަރު އަންހެން ދުވުމުގެ ލޯ މެޑަލް ހޯދިތާ ދެ ދުވަސް ފަހުންނެވެ. އަދި އޭގެ ހަ ދުވަސްކުރިން ސިފާން ވަނީ އޮލިމްޕިކްސްގެ އަންހެން 5،000 މީޓަރު އިވެންޓްގައި ދުވެ، ލޯ މެޑަލްވެސް ހޯދައިފައެވެ. އެހެންކަމުން މެރަތަންއިން ހޯދި ރަން މެޑަލްއަކީ އޭނާ މިއަހަރު އޮލިމްޕިކްސްގައި ހޯދި ތިންވަނަ މެޑަލްއެވެ.

"އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގެ. އަހަރެން މެރަތަން ދުވަމުން ދިޔަ ހުރިހާ ވަގުތެއްގައި އަމިއްލަ ނަފުސާ ސުވާލުކުރެވުނު ކީއްވެބާއޭ 5،000 މީޓަރާއި 10،000 މީޓަރު ރޭހުގައި ވާދަކުރެވުނީ. އެކަމާ ރިގްރެޓްވެސް ކުރެވުނު. އަހަރެންގެ އަމިއްލަ ނަފްސަށް ބުނެވުނު އަޅެ އެ ދެ އިވެންޓްގައި ވާދަނުކުރެވުނު ނަމައޭ. އެ ރޭސްތަކުގައި ވާދަނުކުރެވުނު ނަމަ ހަށިގަނޑަށް ފަސޭހަވީސް. އެހެންވިޔަސް މި ކާމިޔާބީ ހާއްސަ،" ސިފާން ރޭހަށްފަހު ބުންޏެވެ.

ސިފާން ބުނީ މެރަތަންގެ ފުރަތަމަ ކޮޅުގައި ވަރަށް ބޮޑަށް ނާއުންމީދުވި ނަމަވެސް 20 ކިލޯމީޓަރު ފުރިހަމަ ކުރެވުނު ހިސާބުން ރަން މެޑަލް ބޭނުންވެ، އެކަމަށް ހިތްވަރުލާން ފެށި ކަމަށެވެ. އަދި އެ ހިތްވަރު އެންމެފަހު ވަގުތު އިތުރުކޮށް، 200 ވަރަކަށް މީޓަރު ސްޕްރިންޓް ސްޕީޑުގައި ދުވި ކަމަށްވެސް އޭނާ ބުންޏެވެ.

އޮލިމްޕިކްސްގެ އަންހެން މެރަތަން އިވެންޓްގެ ލޯ މެޑަލް ހޯދީ ކެންޏާގެ ހެލެން އޮބިރީއެވެ. އޭނާ ނިންމީ ދެވަނައިގައި ނިންމި އަސޭފާއަށްވުރެ 12 ސިކުންތު ލަހުންނެވެ.

އިއްޔެ އޮލިމްޕިކްސްގެ ފަހު އިވެންޓްތައް ޕެރިހުގައި ކުރިއަށް ގެންގޮސްފައިވާ އިރު، މެރަތަން ފެށީ ހެނދުނުގެ ވަގުތުގައެވެ. ފިނިހޫނުމިން 24 ޑިގްރީ ސެލްޝިއަސްގައި ހުރި ނަމަވެސް، ގިނަ އެތުލީޓުން ވަނީ އައިސް ޕެކާއި ފެންފުޅިވެސް ގިނަ ވަގުތު ބޭނުންކޮށްފައެވެ.