އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުނު އެލެކްސިސް ސަންޗޭޒް، 18 އަހަރު ފަހުން އެނބުރި އުޑިނޭޒީ އަށް ބަދަލުވެއްޖެއެވެ.

އުމުރުން 35 އަހަރުގެ ސަންޗޭޒް ވަނީ މީގެ ކުރިން 2006 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް އިޓަލީގެ އުޑިނޭޒީއަށް ކުޅެފައެވެ. ސަންޗޭޒް އެ ކްލަބަށް ސޮއިކޮށްފައި ވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. އެއީ އެންމެފަހުން ކުޅުނު އިންޓަ މިލާނާއެކު ވެފައިވާ އެއްބަސްވުން މިއަހަރު ޖުލައި މަހުގެ ނިޔަލަށް ހަމަވެފައި އޮތުމުންނެވެ. ސަންޗޭޒް އިންޓަ ދޫކޮށްލާފައި ވަނީ އެ ކްލަބުން އިތުރަށް އެއްބަސްވުން އާކުރަން ބޭނުން ނުވުމުންނެވެ.

ސަންޗޭޒް އުޑިނޭޒީގައި ހޭދަކުރި ދުވަސްވަރު އޭނާ ވަނީ 95 މެޗުން 20 ގޯލު ޖަހައިފައެވެ. އޭގެފަހުން ބާސެލޯނާއަށްވެސް ކުޅެ، އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ އާސެނަލްގައެވެ. 2014 ވަނަ އަހަރު އާސެނަލަށް ގޮސް، 2018 ވަނަ އަހަރާ ހަމައަށް އެ ކްލަބަށް 122 މެޗުން 60 ގޯލު ސަންޗޭޒް ޖަހައިދިނެވެ. އެފަހަރު ސަންޗޭޒްގެ ވިދުންގަދަވެ، އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ގެންދިޔަ ނަމަވެސް، އެ ކްލަބާއެކު އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ސަންޗޭޒް، 2019 ވަނަ އަހަރު ލޯނެއްގައި އިންޓައަށް ބަދަލުވެ، އޭގެ ސީޒަނެއް ފަހުން އެ ޓްރާންސްފާ ދާއިމީ ކުރި ނަމަވެސް، މާ ބޮޑު ތަފާތެއް ނުދެއްކި، ފަހުން މާސޭއަށްވެސް ބަދަލުވިއެވެ. އެހެންނަމަވެސް މިދިޔަ ސީޒަނަށް އަލުން އިންޓައަށް ގޮސް، އެޓީމާއެކު އިޓަލީ ލީގު ކާމިޔާބުކުރިއެވެ. އޭނާ ސީޒަނުގައި ޖެހީ އެންމެ ދެ ގޯލެވެ.

ޗިލީގެ ފޯވަޑް ސަންޗޭޒް ވަނީ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީ، ގައުމީ ޓީމާއެކު ކާމިޔާބީތައްވެސް ހޯދައިފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް ރެކޯޑު 166 މެޗު ކުޅެ، ރެކޯޑު 51 ގޯލު ޖަހައިފައެވެ.