ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާ އާއެކު އޮންނަ ގުޅުން ރަނގަޅުކުރަން ކުރަމުން އަންނަ މަސައްކަތަށް މަރުހަބާ ނުކިޔައި، އިދިކޮޅު އެމްޑީޕީން އެކަމަށް ފާޑުކިޔާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

މިދިޔަ ހަފުތާގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މި ސަރުކާރުން އިންޑިއާއާ ގުޅުން ބަދަހިކުރަން މަސައްކަތްކުރާތީ، މާޒީ ހަނދާންކޮށްދެއްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރިން އިންޑިއާ އައުޓް ގޮވުމަށްފަހު މިހާރު ވެލްކަމް އިންޑިއާ ކިޔަމުންދާ ދިއުމާއި ރާއްޖޭގައި ތިބި ކަމަށް ބުނާ 2000 އިންޑިއާ ސިފައިން ކޮބައިތޯ ޝާހިދު ސުވާލުކުރެއްވިއެވެ.

އެކަމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަދަހި އިންޑިއާ-ރާއްޖޭގެ ގުޅުމަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ނުކިޔާ، ކުރިން ކަންވެފައި އޮތް ގޮތް ފާހަގަކޮށް ސަރުކާރަށް މަލާމާތް ކުރާނަމަ އެކަމުން ދޭހަވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ނޭދޭކަން ކަމަށެވެ.

“ބޭނުން ވަނީ ސިޔާސީ ޕޮއިންޓު ހޯދުން. އުސޫލުގައި ނުހިފެހެއްޓޭކަން،” ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ ދިފާއުގައި ނަޝީދު ނުކުންނެވި އިރު، އެ މަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސް އިން މި ފަހުން ވަނީ ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި، ސަރުކާރަށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ރައީސް އޮފީހަކުންވެސް އަދި ޑިމޮކްރެޓްސް އިންވެސް ހާމައެއް ނުކުރެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ގެންގުޅުނު އިންޑިއާ ބީރައްޓެހި ސިޔާސަތުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެ ގުޅުން އިތުރަށް ހީނަރުވީ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާއާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްކޮށް ބަދުބަސް ރައްދު ކުރެއްވުމުންނެވެ.

އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ފެށި ބޮޑު ކެމްޕެއިނާ ގުޅިގެން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެކަން ރަނގަޅު ކުރަން ސަރުކާރުން ވަނީ ވެލްކަމް އިންޑިއާގެ ނަމުގައި އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ރޯޑްޝޯއެއްވެސް ބާއްވައިފައެވެ.