މެންޗެސްޓާ ޔުނައިޓެޑްގައި 12 އަހަރު ހޭދަކުރި ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ސީޒަނެއް ވަންދެން ޕްރޮފެޝަނަލް ފުޓުބޯޅައާ ދުރުގައި ހުރުމަށްފަހު އިޓަލީގެ ފިއޮރެންޓީނާއަށް ސޮއިކޮށް، އެނބުރި ޓޮޕް ފުޓުބޯޅައަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

އުމުރުން 33 އަހަރުގެ ޑެ ހެއާ މިދިޔަ ސީޒަނުގައި ޕްރޮފެޝަނަލް ފުޓުބޯޅައާ ދުރުގައި ހުރީ ޔުނައިޓެޑް އާއެކު އޭނާ ހަދާފައިވާ އެއްބަސްވުން 2023 ވަނަ އަހަރު ހަމަވުމުންނެވެ. އެ ދުވަސްވަރުގައި ޑެ ހެއާ އަމިއްލަ ތަމްރީނުތަކުގައި ފެނިގެންގޮސްފައިވާ އިރު، އޭނާ ކްލަބަކަށް ސޮއިނުކޮށް ހުރީ، ޔޫރަޕްގެ ސީޒަން ނިމެންދެންނެވެ.

ޔުނައިޓެޑްގެ ލެޖެންޑަރީ ގޯލްކީޕަރު ޑެ ހެއާ ޔުނައިޓެޑް ދޫކޮށްލީ 12 އަހަރުގެ ކެރިއަރަކަށްފަހުއެވެ. އެ ކްލަބާއެކު އެއްބަސްވުން އާނުކޮށް، ކްލަބު ދޫކޮށްލަން ޑެ ހެއާ ނިންމީ އުނދަގޫ ނިންމުމެއްގައެވެ.

ޑެ ހެއާ، 2011 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑުން ޔުނައިޓެޑަށް ސޮއިކުރީ 18.9 މިލިއަން ޕައުންޑްގެ އަގެއްގައެވެ. ޔުނައިޓެޑަށް ކުޅުނު 545 މެޗުގައި ޑެ ހެއާ ވަނީ 190 ކްލީންޝީޓް ދަމަހައްޓައިފައެވެ. އެއީ ކްލަބު ރެކޯޑެކެވެ. ޑެ ހެއާ ވަނީ ޔުނައިޓެޑް އާއެކު ދެ ފަހަރަށް ލީގު ކަޕާއި އެފްއޭ ކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ކުރިން ސްޕެއިން ގައުމީ ޓީމުގެވެސް ގޯލްކީޕަރު ޑެ ހެއާ ގެންދަން ހުރިހާ ކަމެއް ނިންމައި އަންނަ ހޯމަ ދުވަހު ފިއޮރެންޓީނާ އިން އޭނާ އިއުލާން ކުރާނެއެވެ. ފިއޮރެންޓީނާ އާއެކެ ޑެ ހެއާ ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހާމަކޮށްފައެއް ނުވެއެވެ.