އެމެރިކާ ގައުމީ ޓީމަށް ކޯޗަކު ހޯދަން ކުރަމުން އަންނަ މަސައްކަތުގައި ޗެލްސީއަށް މިދިޔަ ސީޒަނުގައި ކޯޗުކަން ކޮށްދިން މައުރީސިއޯ ޕޮޗެޓީނޯގެ ނަން ހުށަހަޅައިފިއެވެ.

އެމެރިކާ ގައުމީ ޓީމާ ހަވާލުވެހުރި ގްރެގް ބާހޯލްޓާ މަގާމުން ވަކިކުރީ ކޮޕާ އެމެރިކާގެ ނަތީޖާއަށް ބަލައިފައެވެ. އެމެރިކާއިން އެންމެފަހުން ކުޅުނު ކޮޕާ އެމެރިކާގައި އަމިއްލަ ގައުމުގައި ވާދަކޮށް ކަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖުންނެވެ.

ގައުމީ ޓީމަށް އާ ކޯޗަކު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަނީ އެމެރިކާ ގައުމީ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު މެޓް ކްރޮކާއެވެ. އޭނާގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުން އަންނައިރު، އެންމެ ފުރަތަމަ އަޑު ފެތުރުނީ އެމެރިކާ ޓީމާ ހަވާލުވާނީ ޖަރުމަނުގެ ހޮފެންހެއިމްގެ ކޯޗު ޕެލެގްރީނޯ މަޓަރާޒޯ ކަމަށެވެ.

އެހެން ނަމަވެސް، ހޮފެންހެއިމްއިން ވަނީ އެކަމުގައި ބަޔާނެއް ނެރެފައެވެ. އެ ކްލަބުން ބުނީ ޕެލެގްރީނޯ ހުރީ އެ ކްލަބާއެކު މަޑުކުރަން ވިސްނައިގެން ކަމަށާއި، ކްލަބުން އޭނާގެ ނިންމުމަށް ފުރިހަމައަށް އިހުތިރާމްކުރާނެ ކަމަށެވެ.

އޭގެ ފަހުން މިހާރު މީޑިއާތަކުން ބުނެފައި ވަނީ އެމެރިކާ ކޯޗުކަމަށް ޕޮޗެޓީނޯ ގެންދަން ކްރޮކާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކްރޮކާ ކުރިން ސައުތުހެމްޓަންގެ ޓެކްނިކަލް ޓީމުގައި މަސައްކަތް ކުރިއިރު، ޕޮޗެޓީނޯ ވަނީ އެ ކްލަބުގެ ކޯޗުކަމުގައި މަސައްކަތް ކޮށްފައެވެ. އެހެންވެ ދެމީހުންގެ ދޭތެރޭގައި ގުޅުން ބޮޑު ކަމަށްވެސް ނޫސްތައް ބުނެއެވެ.

ހަބަރުތައް ބުނީ އުމުރުން 52 އަހަރުގެ ޕޮޗެޓީނޯ އެމެރިކާގެ ޓެކްނިކަލް ޓީމާ މަޝްވަރާކުރި ކަމަށާއި، ޑިމާންޑް ކުރަނީ ބޮޑު މުސާރައަކަށް ކަމަށެވެ. ޕޮޗެޓީނޯ މުސާރައަށް ކުރާ ޑިމާންޑް ބޮޑު ނަމަވެސް، އެމެރިކާއިން އަދި އޭނާގެ ނަން ލިސްޓުން އުނިނުކުރާ ކަމަށްވެސް ނޫސްތައް ޔަގީންކޮށްދެއެވެ.

އެމެރިކާއިން ގެންދަން މަސައްކަތްކުރާ ޕޮޗެޓީނޯއަކީ މީގެ ކުރިން ޓޮޓެންހަމްއާއި ޕީއެސްޖީއަށް ކޯޗުކަން ކޮށްދީފައިވާ ޓެކްޓިކަލީ މޮޅު ކޯޗެކެވެ. ޗެލްސީން މިދިޔަ ސީޒަނަށްފަހު ޕޮޗެޓީނޯއާ ވަކިވީ ދެފަރާތް އެއްބަސްވެގެންނެވެ.