ޖިންސާމެދު ސުވާލުތަކެއް އުފައްދައި އޮލިމްޕިކްސްގެ އަންހެން ޑިވިޝަންގައި ވާދަކުނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ އަލްޖީރިއާގެ އިމާނޭ ހަލިފް އަންހެން 66 ކޮލީގެ ބޮކްސިން އިވެންޓުން ރަން މެޑަލް ހޯދައިފިއެވެ.
އިމާނޭއަކީ މިދިޔަ އަހަރުގެ އަންހެން ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލަށް ވެސް ދަތުރުކުރި އެތުލީޓެކެވެ. ނަމަވެސް އެ ފަހަރު މުބާރާތް އިންތިޒާމު ކުރި އިންޓަނޭޝަނަލް ބޮކްސިން އެސޯސިއޭޝަނުން އޭނާ ސަސްޕެންޑް ކުރިއެވެ. އެއީ އަންހެނެއްތޯ ޔަގީންކުރުމަށް ހަދާ ޓެސްޓެސްޓްރޯން ހޯމޯން ޓެސްޓުން ފެއިލްވެގެން ކަމަށް ބޮކްސިން އެސޯސިއޭޝަނުން ބުނެފައިވެއެވެ. ނަމަވެސް އަލްޖީރިއާގެ ފަރާތުން އެކަން ދޮގުކޮށް، ބުނެފައިވަނީ އެއީ އުފެދުމުގައިވެސް އެ ހޯމޯން ގިނަ އެތުލީޓެއް ކަމަށެވެ.
އިންޓަނޭޝަނަލް ބޮކްސިން އެސޯސިއޭޝަނުން ވޯލްޑް ބޮކްސިން ޗެމްޕިއަންޝިޕް އިންތިޒާމު ކުރި ނަމަވެސް 2019 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިކްޕިކްސް ކޮމިޓީ (އައިއޯސީން) އިން އެ އިދާރާ ސަސްޕެންޑް ކޮށްފައިވެއެވެ. އެއީ ރަޝިޔާގެ ބާރުގެ ދަށުން ހިންގަމުންދާ އިދާރާއަކަށްވާތީ އާއި ފައިސާގެ އިތުރުން އެތިކްސް އަދި ރެފްރީންގެ މައްސަލަތައް ބޮޑުވެގެންނެވެ.
އެހެންކަމުން މިފަހަރު ފްރާންސްގެ އޮލިމްޕިކްސްގެ ބޮކްސިން އިވެންޓް އިންތިޒާމު ކުރަމުންދަނީ އައިއޯސީންނެވެ. އައިއޯސީން ވަނީ އިމާނޭއަކީ އަންހެން އެތުލީޓެއްކަން ޔަގީންކޮށްދީ، އިމާނޭގެ ދިފާއުގައި ވާހަކަދައްކައިފައެވެ.
އިމާނޭ އަކީ ފިރިހެން އެތުލީޓެއް ކަމަށް ބުނެ، އިޓަލީ އަންހެން ބޮކްސިން އެތުލީޓަކު އޮލިމްޕިކްސްގެ މެޗެއް ވެސް ދޫކޮށްލިއެވެ. އެހެން ނަމަވެސް، އެ މައްސަލަގަނޑުގެ ތެރެއިން ރަނގަޅު މެންޓާލިޓީއެއްގައި ކުރިއަށް ގޮސް، އިމާނޭ ރަން މެޑަލް ހޯދީ އެންމެ ފަހުން ދުނިޔޭ ޗެމްޕިއަންކަން ހޯދީ ޗައިނާގެ ޔޭންގް ލިއު ބަލިކޮށްގެންނެވެ.
"އަހަންނަކީ މި މުބާރާތުގައި ވާދަކުރުމަށް ހުރިހާ ޝަރުތެއް ފުރިހަމަވާ އެތުލީޓެއް. އަހަރެން އުފަންވީ އަންހެނެއްގެ ގޮތުގައި. އަހަރެން އުޅެބޮޑުވީ އަންހެނެއްގެ ގޮތުގައި. އަހަރެން މުބާރާތްތަކުގައި ވެސް މި ވާދަކުރަނީ އަންހެނެއްގެ ގޮތުގައި. އެކަމަކާ ޝައްކެއް ނެތް،" އުމުރުން 25 އަހަރުގެ އިމާނޭ ބުންޏެވެ.
އިމާނޭ ބުނީ އޭނާ ބުލީގެ ޝިކާރައަކަށްވެފައިވާ ކަމަށާއި އެތައް ބައެއްގެ ފުރައްސާރަ އާއި ދިމާކުރުންތަކުގެ ތެރެއިން ރަން މެޑަލް ހޯދުމުން އެ މެޑަލް ހާއްސަ ކަމަށެވެ. ހާއްސަކޮށް ރަން މެޑަލާއެކު ހިތްވަރު ބަލިނުވާނެކަން ސާބިތުކޮށްދެވިއްޖެ ކަމަށް އިމާނޭ ބުންޏެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް