އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމައި، އެ މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ،

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ މަޝްރޫއުތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑޮކްޓަ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ދިވެހި ސަރުކާރުން މި މަޝްރޫއުތަކާ ހަވާލުވެވަޑައިގަތީ މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 22 ރަށެއްގައި ފެނުގެ ނިޒާމު ތަރައްގީ ކުރުމާއި ދެ ރަށެއްގެ ނަރުދަމާގެ ނިޒާމުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެކުއެކީގައި ކުރިއަށްގެންދިޔަ ހަތަރު ރަށެކެވެ.

މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ރިވާސް އޯސްމޯސިސް (އާރު.އޯ.) ޕްލާންޓްތައް ގާއިމުކުރުމާއި ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެންފޯރުކޮށްދިނުމަށް ހޮޅިއެޅުމާއި ފެން މީޓަރު ހަރުކުރުމާއި އޮފީސް އިމާރާތް ބިނާކުރުމާއި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ. އަދި އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް އާރު.އޯ. ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކޮށްފައިވެއެވެ.

މި މަޝްރޫއުތަގެ ދަށުން ގާއިމުކުރާ ނަރުދަމާ ނިޒާމުގެ ތެރޭގައި ހިމެނިގެން ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ.

މި މަޝްރޫއުކީ ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 32،773 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މަސައްކަތް ނިމި މިއަދު ސަރުކާރާ ހަވާލު ކުރެއްވި 28 ރަށުގެ މި މަޝްރޫއުތަކުން، 28،298 މީހުންގެ އާބާދީއަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ހަތް އިންސައްތައެވެ.

އިންޑިޔާގެ އެގްޒިން ބޭންކުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 34 ރަށެއްގައި އެ ހިދުމަތްތައް ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ. މިއަދު މަސައްކަތްނިންމައި ދިވެހި ސަރުކާރާ ހަވާލުކުރި 28 ރަށުގެ މަޝްރޫއަކީ އޭގެ ތެރޭގައި ހިމެނޭ ބައެއް ރަށްރަށެވެ.

  • 1- ހއ. ކެލާގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 2- ށ. ފުނަދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 3- ނ. މަނަދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 4- އއ. ތޮއްޑޫގައި ނަރުދަމާ ނިޒާމް ގާއިމްކުރުން
  • 5- އދ. ދަނގެތީގައި ނަރުދަމާ ނިޒާމް ގާއިމްކުރުން
  • 6- ކ. ކާށިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 7- ޅ. ކުރެންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 8- ވ. ފެލިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
  • 9- ވ. ފުލިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން
  • 10- ވ. ތިނަދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން
  • 11- ދ. ބަނޑިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން
  • 12- ދ. މީދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 13- ފ. ދަރަނބޫދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން
  • 14- ފ. ބިލެއްދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 15- ލ. މާބައިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 16- ލ. އިސްދޫ-ކަލައިދޫގައި ފެނުގެ ނިޒާމް ޣާއިމްކުރުން
  • 17- ލ. މާމެންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 18- ލ. ގަމުގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 19- މ. ކޮޅުފުށީގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 20- މ. މުލީގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 21- މ. މަޑުއްވަރީގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 22- ތ. ހިރިލަންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 23- ގއ. މާމެންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 24- ގއ. ދާންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 25- ގއ. ގެމަނަފުށީގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 26- ގދ. ފަރެސްމާތޮޑާގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 27- ގދ. ހޯޑެއްދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން
  • 28- ގދ. މަޑަވެލީގައި ފެނުގެ ނިޒާމް ގާއިމްކުރުން