އިންޑިއާ އާއި ރާއްޖޭއާ ދެމެދުގައިވަނީ ވަރަށް ވެސް ގާތް ގުޅުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ނިންމައި ސަރުކާރާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެ، ގުޅުން ރަނގަޅުވަމުން އަންނަކަން ޖައިޝަންކަރުގެ މި ދަތުރުފުޅުގެ ސަބަބުން ސާބިތުކޮށްދީފި ކަމަށެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަކީ ދެގައުމުގެ ބަދަހިކަން ދައްކުވައިދޭ ހެއްކެއް ކަމަށެވެ. އަދި މި މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ރަށްރަށުގެ ތަރައްގީ އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

ރައީސް ވަނީ އިންޑިއާއިން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާކޮށް، 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން ފަސްކޮށްދީފައިވާތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

ރާއްޖެއަށް ވަމުން އަންނަ ދީލަތި އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވައި ރައީސް ވިދާޅުވީ އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް އެންމެ އެކުވެރި އެއް ގައުމު ކަމަށާއި ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ ވަގުތަކު އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަބަދުވެސް ދެމި އޮންނަ ކަމަށެވެ.

"އަޅުގަނޑު ޔަގީންކަން މިދެނީ ދެ ގައުމުގެ ތާރީހީ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާކޮށް އާ ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ،" ރައީސް ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުމަކީ ދެގައުމުގެ އެކުވެރިކަމާއި އިހުތިރާމާއި ބަދަހިކަމުގެ ސަބަބުން ގާއިމުވެފައިވާ ގުޅުމެއް ކަމަށާއި ސަގާފަތާއި އިގްތިސޯދީ ގުޅުންތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިންޑިއާއާ އެކު އޮތް ތާރީހީ ގުޅުމަކީ ރާއްޖޭގެ ރައްޔިތުން ވަރަށް ވެސް އިހުތިރާމުކުރާ އަދި ބަލައިގަންނަ ގުޅުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ގުޅުން ދަމަހައްޓައި އިތުރަށް ބަދަހިކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.