ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ދިވެހި ސަރުކާރުން ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެކަމަށް ހުށަހެޅީ މިހާރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

އެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ އިންޑިއާ އަކީ ރާއްޖޭގެ ވަރަށް ގާތް އެކުވެރި ގައުމެއް ކަމަށާއި ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. މިއީ އިތުބާރާއި ގަދަރުކުރުމުގެ މައްޗަށް ބިނާވެފައި އޮތް އެކުވެރިކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުގެ ތަރައްގީއަށް އިންޑިއާއިން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން ސިއްހީ، ތައުލީމީ، ޒުވާނުން، ކުޅިވަރު އަދި ބޯހިޔާވަހިކަމުގެ ދާއިރާއަށް އިންޑިއާއިން ދެމުންދާ އެހީތެރިކަމާ އެކު އެ ދާއިރާތަކުގެ ތަރައްގީއަށް ހެޔޮ ކުރިއެރުން ލިބިފައިވާ ކަމަށެވެ.

"ވެރިރަށް މާލޭގައި ހުރި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ ވެސް އެކަމުގެ ހެއްކެއް،" ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ މެދުގައި ވިޔަފާރި އާއި އިންވެސްޓުމެންޓު އިތުރުކުރަން މިހާރަށްވުރެ ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށް ދެ ގައުމުގެ ވަޒީރުން އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އަދި ފައިދާކުރަނިވި ވިޔަފާރީގެ ގުޅުމެއް ދެ ގައުމުގެ މެދުގައި ބިނާކުރުމަށް މިހާރަށްވުރެ ހަރުދަނާ މެކޭނިޒަމްތަކެއް ތައާރަފުކުރަން ދެގައުމު ވެސް ތައްޔާރަށް އޮތް ކަމަށް ޒަމީރު ވިދާޅުވިއެވެ.

"އެގޮތުން ރާއްޖެ އާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހުށަހަޅަން،" ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ މެދުގައި ގާއިމުކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ވިޔަފާރިއާ ގުޅުންހުރި އެހެނިހެން އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރުން އިތުރަށް ފަސޭހަވެ، ވިޔަފާރީގެ ރިސްކުތައް ކުޑަވެގެންދާނެ ކަމަށެވެ.

ޒަމީރު އިތުރަށް ވިދާޅުވީ އިގުތިސޯދާއި ވިޔަފާރި އާއި އިންވެސްޓުމެންޓާއި ތައުލީމާއި ހުނަރު އިތުރުކުރުމާއި ސިއްހަތާއި ފަތުރުވެރިކަމާއި ޒުވާނުންނާއި ކުޅިވަރު އަދި ދިފާ އާއި ސަލާމަތާ ގުޅޭ ކަންކަމުގައި އިންޑިއާ ހާރިޖީ ވަޒީރާ މަޝްވަރާކުރެއްވި ކަމަށެވެ.

ޒަމީރުވަނީ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން އިންޑިއާއިން ރާއްޖެއަށް މާލީ ގޮތުން ވެދޭ އެހީ ފާހަގަކުރައްވައިފައެވެ. އެގޮތުން 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލު ރޯލްއޯވާއަކާ އެކު ބަޖެޓު ސަޕޯޓަށް އިންޑިއާއިން ދިން އެހީއަށް ޒަމީރު ޝުކުރު އަދާކުރެއްވިއެވެ.