ބަންގުލަދޭޝްގެ ސަރުކާރާ ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވި ނޮބެލްގެ އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަންގުލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރުގެ ގޮތުގައި ހުވާކުރެއްވުމުން ޔޫނުސްއަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ވިދާޅުވީ ދުވަސްވީ، ގާތް ރަހުމަތްތެރި ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ބަންގުލަދޭޝަށް އަބަދުވެސް އެދެނީ ފާގަތިކަމާއި ސުލްހަ އާއި ކާމިޔާބީއަށް ކަމަށެވެ.

ބަންގުލަދޭޝްގެ ކޮލެޖު އަދި ޔުނިވާސިޓީތަކުގެ ދަރިވަރުން ވަނީ ޖުލައި މަހުން ފެށިގެން އެ ގައުމުގެ އެއިރުގެ ބޮޑުވަޒީރު ޝެއިހު ހަސީނާއާ ދެކޮޅަށް މުޒާހަރާކުރަން ފަށައިފައެވެ. ހަސީނާގެ ސަރުކާރާ ދެކޮޅަށް ބަންގުލަދޭޝްގައި މުޒާހަރާތަކެއް ކުރަން ފަށައިފައިވަނީ އެ ގައުމުގެ ސިވިލް ސާވިސްގެ ވަޒީފާއަށް މީހުން ނެގުމަށް ރިޒާވް ސިސްޓަމްތަކެއް ހަމަޖެއްސުމާ ގުޅިގެންނެވެ. އެ ސިސްޓަމްގައިވާ ގޮތުން އެ ގައުމުގެ މިނިވަންކަމަށް މަސައްކަތްކުރެއްވި ބޭފުޅުންގެ އާއިލާގެ މީހުންނަށް ވަޒީފާ ދޭނެއެވެ. އެކަމާ ދެކޮޅަށް ބަންގުލަދޭޝްގައި އެންމެ ފުރަތަމަ މުޒާހަރާކުރީ އެ ގައުމުގެ ދަރިވަރުންނެވެ. ފަހުން އެ މުޒާހަރާތަކުގައި އެ ގައުމުގެ އާންމުން ވެސް ވަނީ ބައިވެރިވެފައެވެ.

މުޒާހަރާ ކޮންޓްރޯލުކުރަން އެގައުމުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ވަރަށް ބޮޑަށް ކުރުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަރު ވެސް ވެފައެވެ. ނަމަވެސް މުޒާހަރާ ހުއްޓާލައިފައެއް ނުވެއެވެ. މުޒާހަރާތައް ހޫނުވެ ހަސީނާ އިސްތިއުފާދެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

ބޮޑުވަޒީރު ކަމުން ހަސީނާ އިސްތިއުފާ ދެއްވީ މުޒާހަރާގެ ބައިވެރިން ގަނޑުވަރު ކައިރިއަށް ޖަމާވާން ފެށުމުންނެވެ. ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހަސީނާ ވަނީ ގައުމު ދޫކުރައްވައި ވަޑައިގެންފައެވެ. ހަސީނާ، ހެލިކޮޕްޓަރެއްގައި ގައުމު ދޫކުރައްވައި ވަޑައިގަންނަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވިއެވެ.