އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން ހުށަހެޅި ބިލްގެ މަސައްކަތް ހުއްޓާލާފައިވާ ސަބަބު އޮޅުންފިލުވައިދިނުމަށް އެ ބިލް މަޖިލީހަށް ހުށަހެޅުއްވި މެންބަރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲގެ ކިބައިން އެދިވަޑައިގެންފިއެވެ.
މީކާއީލް އެކަމަށް އެދިވަޑައިގެންފައި ވަނީ، މަޖިލިސް ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި މީކާއީލް ވިދާޅުވެފައި ވަނީ، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެ ކަން ކަށަވަރު ކުރުމަށް އޭނާ މަޖިލީހަށް ހުށަހެޅުއްވި ބިލު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފައި އޮންނަތާ އިއްޔެއަށް 59 ދުވަސް ވެފައިވާކަމަށެވެ.
އެހެންކަމުން މި ބިލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް، އެންމެ ކުޑަމިނުން ބިލުގެ މަސައްކަތް ކޮމިޓީގައި އެޖެންޑާވެސް ނުކުރާ ސަބަބު ސާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެ ބިލް މަޖިލީހަށް ބަލައިގަތީ މިދިޔަ ޖޫން މަހުގެ 10 ވަނަދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ޖަލްސާގައި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއީދު ކުރެއްވި ގޮތަށް އެ ބިލް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބިލް ފޮނުއްވިކަން ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އިއުލާން ކުރެއްވިއެވެ.
މީކާއީލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާއަށެވެ.
އެ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ 8 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު